ރާއްޖޭގައި މެރިކަލްޗާ ދާއިރާ ކުރިއެރުވުމަށްޓަކައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހާއްސަ ފަސް ޒޯނެއް ކަނޑައަޅައިފިއެވެ.
ވުޒާރާއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގައި މަސްވެރިކަން އިތުރަށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މެރިކަލްޗާއަށް ހާއްސަ ފަސް ސަރަހައްދެއް ކަނޑައަޅާފައިވާ ކަމަށެވެ. މި ޒޯންތަކަކީ ހއ. އަތޮޅު، ރ. އަތޮޅު، ކ. އަތޮޅު، މ. އަތޮޅު އަދި ތ. އަތޮޅު ކަމަށް ވުޒާރާއިން ހާމަކޮށްފައިވެއެވެ.
"މި ޒޯންތަކުގައި މެރިކަލްޗާގެ މަސައްކަތަށް އިންވެސްޓްކުރާ ފަރާތްތަކުގެ އަތުން އެކުއިޒިޝަން ފީއެއް ނުނަގާނެ. އަދި ފުރަތަމަ ތިން އަހަރު ދުވަހުގެ މުއްދަތަށް ކުލި މައާފުކުރާ ގޮތަށް ވެސް ވަނީ ކަނޑައަޅާފައި،" ވުޒާރާގެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން، މެރިކަލްޗާ ދާއިރާއަށް ބޭނުންވާ ފަންނީ މީހުން ތަމްރީން ކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފައެވެ. މިހާތަނަށް ބޭސިކް މެރިކަލްޗާގެ ދެ ކޯހެއް ހިންގައި ރާއްޖޭގެ 18 އަތޮޅަކުން 26 މީހަކު ވަނީ ތަމްރީންކޮށްފައެވެ. އަދި ސްކޫލް ދަރިވަރުންނަށް އަމާޒުކޮށްގެން މެރިކަލްޗާއަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމްތަކެއް ހިންގައި މިހާތަނަށް ހަތަރު ސްކޫލެއްގެ 142 ދަރިވަރުންނަށް އެކި ސެޝަންތައް ވަނީ ބާއްވައިފައެވެ.
"އަޅުގަނޑުމެންގެ އުންމީދަކީ މެރިކަލްޗަ ދާއިރާއިން ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖޭގެ އިގްތިސާދަށް ބޮޑު ކުރިއެރުމެއް ލިބޭނެކަން،" މަސްވެރިކަމާއި ބެހޭ ވުޒާރާގެ ވަޒީރު ވިދާޅުވިއެވެ.