ވިލިމާލޭގައި ހަދާ މަތީ ފަންތީގެ ހޮސްޕިޓަލުގެ ޑީޓެއިލް ޑިޒައިން ހެދުމަށް އެއްބަސްވުމުގައި ސޮއިކޮށްފި

އަހްމަދު އީޒާން | 1 ދުވަސް ކުރިން - 4 ޖޫން 2025 14:36
ވިލިމާލޭގައި ހަދާ މަތީ ފަންތީގެ ހޮސްޕިޓަލުގެ ޑީޓެއިލް ޑިޒައިން ހެދުމަށް އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު / ފޮޓޯ: އިންފްރާސްޓްރަކްޗާ މިނިސްޓްރީ
ވިލިމާލޭގައި ހަދާ މަތީ ފަންތީގެ ހޮސްޕިޓަލުގެ ޑީޓެއިލް ޑިޒައިން ހެދުމަށް އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު / ފޮޓޯ: އިންފްރާސްޓްރަކްޗާ މިނިސްޓްރީ
ޚުލާސާ

މި އާ ހޮސްޕިޓަލުގެ ނަމަކީ "ވިލިމާލެ-ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް". ޗައިނާ ސަފީރު ވިދާޅުވީ ރާއްޖޭގެ އެންމެ ބޮޑު އެތަން ހޮސްޕިޓަލަށް ވާނެ ކަމަށް.

ވިލިމާލޭގައި ހަދަން ނިންމާފައިވާ 112 އެނދުގެ ހޮސްޕިޓަލުގެ ޑީޓެއިލް ޑިޒައިންގެ މަސައްކަތް ކުރުމަށް ރާއްޖެ އާއި ޗައިނާއާ ދެމެދު ލެޓާ އޮފް އެކްސްޗޭންޖްގައި މިއަދު ސޮއިކޮށްފި އެވެ.

ވިލިމާލޭގައި މަތީ ފަންތީގެ ހޮސްޕިޓަލެއް ހަދަނީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގަ އެވެ.

އެ ހޮސްޕިޓަލުގެ ފީސިބިލިޓީ ސްޓަޑީގެ މަސައްކަތް ނިމުމާއެކު މިއަދު ވަނީ ހޮސްޕިޓަލްގެ ޑީޓެއިލް ޑިޒައިންގެ މަސައްކަތް ކުރުމަށް ލެޓާ އޮފް އެކްސްޗޭންޖުގައި ސޮއިކޮށްފަ އެވެ.

އެކަމަށްޓަކައި ދަރުމަވަންތަ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތުގައި އެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު ކޮންގް ޒިއަންހުއާ އެވެ.

މި އާ ހޮސްޕިޓަލުގެ ނަމަކީ "ވިލިމާލެ-ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް" ކަމަށާއި މިއީ ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ފަހުގެ ވަސީލަތްތައް ހުރި ހޮސްޕިޓަލަށް ވާނެ ކަމަށް ޗައިނާގެ ސަފީރު ވަނީ ވިދާޅުވެފަ އެވެ.

ވިލިމާލޭގައި 112 އެނދުގެ ހޮސްޕިޓަލެއް އެޅުމަށް ފީސިބިލިޓީ ސްޓަޑީއެއް ހެދުމަށް ލެޓާ އޮފް އެކްސްޗޭންޖުގައި ސޮއިކުރީ މިދިޔަ އަހަރުގެ އޭޕްރިލް މަހު އެވެ. އެ އެއްބަސްވުމުގެ ދަށުން ޗައިނާގެ ތަޖުރިބާކާރުންގެ ޓީމެއް ރާއްޖެ އައިސް، ހެލްތު މިނިސްޓްރީ އާއި އައިޖީއެމްއެޗްއާ ގުޅިގެން ވަނީ މަސައްކަތްކޮށްފަ އެވެ.

ޗައިނާ ސަރުކާރުގެ އެހީއާގައި ވިލިމާލޭގައި ހަދާ އެ ހޮސްޕިޓަލުގައި ދެ އިމާރާތެއް ހުންނާނެ އެވެ. އަދި އައުޓްޕޭޝަންޓް، އިމްޕޭޝަންޓް، އިމަޖެންސީ، ޑައިގްނޯސްޓިކް، އައިސީޔޫ އަދި ހީމޯޑައިލިސިސްގެ ފަރުވާ ދިނުމަށް ހާއްސަ އެނދުތަކެއް ވެސް ހުންނާނެ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%