ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލްއާ ގުޅޭ މަގުތައް ހަދަމުން އަންނާތީ އެއާޕޯޓުގެ ޓްރެފިކް ބާރުބޮޑުވާނެތީ އަވަހަށް ޗެކްއިން ވާން މިއަދު އެދެފި އެވެ.
ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮންޕެނީ (އެމްއޭސީއެލް) އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ އެއާޕޯޓުގެ އާ ޓާމިނަލާއި ގުޅޭ މަގުތަކުގެ މަސައްކަތް މި ދުވަސްވަރު ކުރާތީ އާއި ގިނަ ބަޔަކު ފުރަން ދާތީ މިއަދަކީ އެ އެއާޕޯޓަށް ވަރަށް ބާރުބޮޑު ދުވަހެއް ކަމަށެވެ.
އެހެންވެ، ފަސިންޖަރުން ޗެކިން ގަޑި ފެށޭ ވަގުތަށް އެއާޕޯޓަށް ދިއުމަށް އެދޭ ކަމަށް އެމްއޭސީއެލުން ކުރި ޕޯސްޓުގައި ބުންޏެވެ.
ހައްޖު ދުވަހާ އެކު އީދު ބަންދަށް މިފަހަރު ފަސްދުވަސް ލިބެ އެވެ. މާދަމާއަކީ މި އަހަރުގެ ހައްޖު ދުވަހަށް ވުމާއެކު, ޗުއްޓީއަށް ގިނަ ބަޔަކު އަންނަނީ އެކި ތަންތަނަށް ފުރަމުންނެވެ. އެހެންވެ, އެއާޕޯޓާއި މާލޭގެ ބަނދަރުތަކަށް ވެސް މިއަދު ވަރަށް ބާރުބޮޑެވެ.
އެމްއޭސީއެލުން އަންނަނީ މިނިވަން ދުވަހާ ދިމާކޮށް އަންނަ ޖުލައި މަހުގެ 26 ވަނަ ދުވަހު ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލްގެ ބައެއް ހުޅުވުމަށް ވެސް ތައްޔާރުވަމުންނެވެ. އެހެންވެ މި ދުވަސްވަރު އެއާޕޯޓުގައި ވަރަށް ގިނަ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ.