މޫދުގައި މަރުވެފައި އޮތް 65 އަހަރުގެ މީހަކު ފެނިއްޖެއެވެ.
ލ. ގަމު ކައިރީގައި އޮންނަ ފަޅުރަށެއް ކަމަށްވާ މަހާކަންފުށި ސަރަޙައްދުން މިއަދު މަރުވެފައި އޮއްވައި ފެނުނު މީހާއަކީ ލ. ގަމު، ތުނޑީ، ފެސްފަރީ، އަބްދުލްސަމަދު މުޙައްމަދު (ސަމަދު، 65 އަހަރު) އެވެ.
ފުލުހުންގެ މަޢުލޫމާތު ދެއްވާ ގޮތުގައި، މިއަދު ހެނދުނު 9:50 އެހާކަންހާއިރު ވަނީ މަހާކަންފުށި ކައިރިން މީހަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައެވެ. އޭގެ ފަހުން 11:00 އެހާކަންހާއިރު، ގެއްލުނު ސަރަޙައްދުގެ މޫދުން ވަނީ އަބްދުލްސަމަދުގެ ހަށިގަނޑު ފެނިފައެވެ.
ގަމު ކައުންސިލުން މަޢުލޫމާތު ދެއްވާ ގޮތުގައި، އަބްދުލްސަމަދު މަހާކަންފުށި ކައިރިއަށް ގޮސްފައިވަނީ އިތުރު ބަޔަކާ އެކު ދާޖަހައިގެން މަސް ހިފުމަށެވެ. އޭނާ ފެނުނީ ގަމު ރައްޔިތުންނާއި ފުލުހުން ގުޅިގެން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަނިކޮށް، ހަމަ އެ ފަޅުރަށް ކައިރިން މޫދު އަޑިންނެވެ.