ސޫދާނުގައި ހިނގަމުންދާ ލޭއޮހޮރުވުން ބޮޑު ދާޚިލީ ހަނގުރާމައިގެ ތެރެއިން، ޖަނާޒާއެއްގެ ކަންކަމުގައި އުޅުނު އާންމު ރައްޔިތުންނަށް އަމާޒުކޮށް ދިން ރަހުމެއްނެތް ޑްރޯން ހަމަލާތަކެއްގައި 150 އަށްވުރެ ގިނަ މީހުން ޝަހީދުވެއްޖެއެވެ. ސޫދާނުގެ ހުޅަނގު ކުރުދުފާން ސްޓޭޓްގެ އަލް-ދަބާބް ސަރަހައްދުގައި ހިނގި މި ހާދިސާގައި، މަރުވި މީހާގެ ޖަނާޒާގައި ބައިވެރިވުމަށް 200 އެއްހާ މީހުން ގޮވައިގެން ދަތުރުކުރި ލޮރީއަކަށް ވަނީ ސީދާ އަމާޒުކޮށް ބޮން އަޅާފައެވެ. މި ބާރުގަދަ ހަމަލާގައި އެ ސަރަހައްދު އެއްކޮށް ސުންނާފަތިވެ، އެތައް ބައެއްގެ ހަށިތައް ވަނީ ވަކިނުވާ ވަރަށް ބޮޑަށް ހަލާކުވެފައެވެ.

"ސޫދާން ވޯ އޮބްޒަވެޓްރީ" އާއި ބައިނަލްއަގްވާމީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޖަނާޒާއަށް ދަތުރުކުރި ލޮރީއަށް ދިން ހަމަލާގައި އެކަނިވެސް 145 މީހުން ވަނީ ދުނިޔެ ދޫކޮށްފައެވެ. އަދި އޭގެ އިތުރުން، މަރުވި މީހާގެ ހިތާމައިގައި އާއިލާގެ މީހުންނާއި ތިމާގެ މީހުން އެއްވެ ތިބި ޖަނާޒާގެ ފޭލިގެއަށް ދިން ދެވަނަ ހަމަލާގައި އިތުރު 5 މީހުން ފުރާނަ ގެއްލި، ޖުމްލަ ޝަހީދުވި މީހުންގެ އަދަދު ވަނީ 150 އަށް އަރާފައެވެ. މި ހަމަލާގައި ސުންނާފަތިވި ސަރަހައްދުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، އެތައް ބަޔަކު ސީރިއަސް ޒަޚަމްތަކާއެކު ހޮސްޕިޓަލްތަކަށް ވަނީ ގެންގޮސްފައެވެ.

މި ލޭއޮހޮރުވުން ބޮޑު ގަތުލުއާންމުގެ ތުހުމަތު އެ ސަރަހައްދުގެ ރައްޔިތުންނާއި އޮފިޝަލުން ކުރަނީ ސޫދާނުގެ ރަސްމީ އަސްކަރިއްޔާ އަށެވެ. ސަރުކާރު ސިފައިންނާއި ރެޕިޑް ސަޕޯޓް ފޯސަސް (އާރް.އެސް.އެފް) އާ ދެމެދު ކުރިއަށްދާ ހަނގުރާމަ މިހާރު މުޅިން ޑްރޯން ހަނގުރާމައަކަށް ބަދަލުވެފައިވާއިރު، އެއްވެސް ކުށެއްނެތް އާންމު ރައްޔިތުންނަށް އަމާޒުކޮށް ދޭ މިފަދަ ހަމަލާތައް ވަނީ އިންތިހާއަށް އިތުރުވެފައެވެ.