ހުޅުމާލޭގައި ހިނގި ނުރައްކާތެރި ދެ ހާދިސާއެއްގައި ނިޔާވި ދެ ކުދިންގެ އާއިލާތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މީގެ ދެ ދުވަސް ކުރިން ހިނގި މަގުމަތީ އެކްސިޑެންޓެއްގައި ޒަހަމްވި ކުޑަކުއްޖަކު ނިޔާވުމާއި، އަދި އިމާރާތަކުން ވެއްޓުނު ތުއްތު ކުއްޖަކު ނިޔާވި ހަބަރަކީ މުޅި ގައުމަށްވެސް ނުތަނަވަސް އަދި ހިތާމަވެރި އިހްސާސްތަކެއް ގެނުވި ކަމެއް ކަމަށެވެ. އަދި ނިޔާވި މައުސޫމް ދެ ކުދިންގެ އާއިލާއަށް ތައުޒިޔާ ދަންނަވައި، އެ ދެ މަރްހޫމުންނަށް ސުވަރުގޭގެ މަތިވެރި ނިއުމަތާއި ފާގަތިކަން މިންވަރުކޮށްދެއްވުން އެދިވަޑައިގެން އެމަނިކުފާނު ވަނީ ދުއާކުރައްވާފައެވެ.
މި ހިތާމަވެރި ހާދިސާތަކާ ގުޅިގެން ރައީސް ވިދާޅުވީ، މަގުމައްޗާއި އުސް އިމާރާތްތަކުގައި ހިނގާ މިފަދަ ކުއްލި ނުރައްކާތެރި އެކްސިޑެންޓްތަކާމެދު އާންމު ހޭލުންތެރިކަން އިތުރުކުރުމަކީ މުޅި މުޖުތަމައު ގުޅިގެން ކުރަންޖެހިފައިވާ ގައުމީ އަދި އިންސާނީ މަސައްކަތެއް ކަމަށެވެ. ވަކިން ހާއްސަކޮށް އުސް އިމާރާތްތަކުގެ ކުޑަދޮރުތަކާއި، ބެލްކަނި އަދި ރެއިލިންގ ފަދަ ތަންތަނުގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ނަފްސާނީ އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ތުއްތު ކުދިން ބެލެހެއްޓުމުގައި، އެފަދަ ފަރާތްތައް ދިރިއުޅޭ ގޭގޭގެ އިމާރާތްތައް ބަލަހައްޓާ ފަރާތްތަކާއި އާއިލާތައް ގުޅިގެން ޒިންމާދާރު ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރާއި، ކުންފުނިތަކާއި، މަދަނީ ޖަމުއިއްޔާތަކާއި އަދި އެންމެހައި ރައްޔިތުން ގުޅިގެން، ހާއްސަ އިސްކަމެއް ދީގެން މަގުމައްޗާއި އިމާރާތްތަކުގެ ސަލާމަތްތެރިކަން ޔަގީންކުރުމަށާއި، މިފަދަ ކަންކަމަށް ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ރަނގަޅަށް އިންތިޒާމުކޮށްގެން ކުރިއަށް ގެންދިއުމަށް އިލްތިމާސްކުރައްވާފައެވެ.
އެމަނިކުފާނުގެ މެސެޖު ނިންމަވާލައްވާފައިވަނީ ދިވެހި މުޖުތަމައަށާއި އާއިލާތަކަށް ސަލާމަތާއި އަމާންކަން މިންވަރުކޮށްދެއްވުން އެދި ދުއާ ދަންނަވަމުންނެވެ.









