ފްލެޓް މައްސަލަ: އަކްރަމާއެކު 4 ވެރިންނަށް ދަޢުވާކުރަން އެދިއްޖެ

އާނާ ފަހީމް | 1 ދުވަސް ކުރިން - 3 ޖޫން 2025 17:43
ފޮޓޯ: ރައީސް އޮފީސް
ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ގެދޮރުވެރިޔާ ސްކީމްގެ ފްލެޓް ލިސްޓުގައި ވަކި ފަރާތްތަކަކަށް ނާޖާއިޒު މަންފާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާ، ހައުސިންގ މިނިސްޓްރީގެ އޭރުގެ 4 އިސްވެރިއެއްގެ މައްޗަށް ކުރުމަށް އެދިއްޖެ.

ގެދޮރުވެރިޔާ ސްކީމްގެ 4000 ފްލެޓް ލިބޭ މީހުންގެ ލިސްޓުގައި ވަކި ފަރާތްތަކަކަށް ނާޖާއިޒު މަންފާއެއް ހޯދައިދީފައިވާކަން ތަޙްޤީޤަށް ހާމަވެފައިވާތީ، އެ މައްސަލައިގައި ދަޢުވާކޮށްދިނުމަށް އެދި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

އޭސީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ގެދޮރުވެރިޔާ ސްކީމުގެ ފުރަތަމަ ބުރުގެ 4000 ފްލެޓް ލިބޭ މީހުންގެ ތެރޭގައި ވަކި ފަރާތްތަކެއް ހިމަނައި، ވަކި ފަރާތްތަކަކަށް ނާޖާއިޒު މަންފާއެއް ހޯދައިދީފައިވާކަން އެ ކޮމިޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިގެން ކުރި ތަޙުޤީޤުން ހާމަވެފައިވާ ކަމަށެވެ.

އޭސީސީން ބުނެފައިވަނީ ރަސްމީ ހައިސިއްޔަތާއި އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނަޖާއިޒު މަންފާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާކޮށްދިނުމަށް އެދި ފޮނުވާފައިވަނީ، އޭރުގެ މިނިސްޓަރ އޮފް ސްޓޭޓް ފޯ ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަކްރަމް ކަމާލުއްދީންއާއި، އެ މިނިސްޓްރީގެ ދެ ސީނިއަރ އެގްޒެކެޓިވް މުޙައްމަދު ޢާރިފްއާއި ޟިރުޢާމް ވަޙީދު އަދި ޑިރެކްޓަރ ޖެނެރަލް އަޙްމަދު ވިޝާން ނަސީމްގެ މައްޗަށް ކަމަށެވެ.

މި މައްސަލައިގައި އިތުރު ކުށްތަކެއް ކޮށްފައިވާކަމަށް ތުހުމަތުކުރެވޭތީ، އެ ކުށްތައް ތަޙުޤީޤުކުރުމުގެ މަސައްކަތް އޭސީސީއާއި ފުލުހުން ގުޅިގެން ކުރަމުންދާ ކަމަށްވެސް އޭސީސީން ބުނެފައިވެއެވެ.

ފްލެޓް ލިސްޓް އެކުލަވާލުމުގައި ގިނަ މައްސަލަތަކެއް ހުރިކަން ގެދޮރުވެރިކަމާއި ބެހޭ ވުޒާރާއިން ކުރިން ފާހަގަކޮށްފައިވެއެވެ. އޭގެ ތެރޭގައި ފްލެޓް ކޮމިޓީގެ މެންބަރަކު އަމިއްލައަށް އޭނަގެ ފޯމް އިވެލުއޭޓްކޮށް ލިސްޓުގައި ހިމެނުމާއި، ޕޯޓަލްގައި ހުށަހަޅަންޖެހޭ ލިޔުންތަކުގެ ބަދަލުގައި އެހެން ލިޔުންތައް އަޕްލޯޑްކުރުން ހިމެނެއެވެ. އަދި މާލޭގައި ދިރިއުޅޭކަމަށް ބަޔާންކޮށް ދިވެހި ފުލުހުންގެ ޚިދުމަތުން ދީފައިވާ ރަސްމީ ލިޔުމެއް ހުށަހެޅުމާއި، ކުންފުނި އުފެދުމުގެ ކުރިން އެ ކުންފުނީގައި މަސައްކަތްކުރި ކަމަށް ދައްކުވައިދޭ ލިޔުން ހުށަހެޅުން ފަދަ ކަންކަންވެސް ފާހަގަކުކުރެވިފައިވެއެވެ.

މީގެ އިތުރުން، ފްލެޓް ލިސްޓް އިޢުލާންކުރުމަށްފަހު ސަރުކާރު ބަދަލުވުމާއި ގުޅިގެންވެސް ފްލެޓް ކޮމިޓީގެ ބައެއް މެންބަރުން ޕޯޓަލްއަށް އެކްސެސްވެފައިވާކަން ހާމަވެފައިވެއެވެ. އެގޮތުން 2023 ވަނަ އަހަރުގެ ނޮވެމްބަރު 17 އަދި 18 ވަނަ ދުވަހު ޕޯޓަލްއަށް އެކްސެސްވެފައިވާކަމާއި، ލިސްޓް އިޢުލާންކުރުމަށްފަހު ދެ ދުވަހުގެ ތެރޭގައި އެއް ސަފުހާގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަން ވެސް ފާހަގަކުރެވިފައިވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%