ރާއްޖެއިން އެކްސްޕޯޓްކުރާ މަހުގެ މިންވަރު ބޮޑުތަނުން އިތުރުވެއްޖެ

ހުސައިން އިސްމާއިލް | 2 ދުވަސް ކުރިން - 3 ޖޫން 2025 15:11
ހުވަދުއަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެއަތޮޅުގެ މަސް ދޯނިތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޒިޔާރަތްކުރެއްވުން / ފޮޓޯ: ޚުލާޞާ.
ހުވަދުއަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެއަތޮޅުގެ މަސް ދޯނިތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޒިޔާރަތްކުރެއްވުން / ފޮޓޯ: ޚުލާޞާ.
ޚުލާސާ

މިއަހަރުގެ ޖަނަވަރީ އިން އޭޕްރީލް އަށް 31,000 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓް ކުރިއިރު، ހުސްވި އަހަރުގެ މި މުއްދަތުގައި އެކްޕޯޓްކުރީ 19,000 މެޓްރިކް ޓަނުގެ މަސް.

ރާއްޖެއިން އެކްސްޕޯޓްކުރާ މަހުގެ މިންވަރު ބޮޑުތަނުން އިތުރުވެއްޖެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނެރެފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. އެ ހިސާބުތަކުން އެނގޭ ގޮތުގައި މިއަހަރުގެ ފުރަތަމަ ހަތަރު މަހުގެ ތެރޭގައި ރާއްޖެއިން އެކްސްޕޯޓްކުރި މަހުގެ އަދަދު ވަނީ މިދިޔަ އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓް ކުރި މިންވަރަށްވުރެ 64.7 އިންސައްތަ އިތުރުވެފައެވެ.

އެމްއެމްއޭގެ މަންތްލީ ސްޓެޓިސްޓިކްސް ރިޕޯޓުގައި ހާމަކޮށްފައިވާ ގޮތުގައި، މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް ރާއްޖެއިން އެކްސްޕޯޓްކޮށްފައިވަނީ 31,000 މެޓްރިކް ޓަނުގެ މަހެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓްކުރީ 19,000 މެޓްރިކް ޓަނުގެ މަހެވެ.

އެ ރިޕޯޓުގައި ވާގޮތުގައި ފިނިކޮށްފައިވާ އަދި ތާޒާ ކަނޑުމަހުގެ އެކްސްޕޯޓްގައި ވެސް ވަނީ ކުރިއެރުމެއް ފެނިފައެވެ. މިގޮތުން، މިއަހަރުގެ ފުރަތަމަ ހަތަރު މަސްދުވަހު ރާއްޖެއިން އެކްސްޕޯޓްކޮށްފައިވަނީ 28,000 މެޓްރިކް ޓަނުގެ މަހެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓްކުރީ 15,000 މެޓްރިކް ޓަނެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މަސްވެރިންގެ ޙައްޤުތައް ހޯދައިދީ މަސްވެރިކަމުގެ ސިނާއަތަށް ޚާއްޞަ ސަމާލުކަމެއް ދެމުންދާކަން ފާހަގަކުރެވެއެވެ.

މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކޮށް، ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ސިނާއަތަށް މަސްވެރިކަން ހެދުމަކީ ސަރުކާރުގެ އަމާޒެކެވެ. މިގޮތުން، މަސްވެރިކަމުގެ ވަސީލަތްތައް ތަރައްޤީކުރުމުގެ މަސައްކަތް ދަނީ ހަލުވި ދުވެލީގައި ކުރިއަށެވެ.

މި މަސައްކަތުގެ ތެރެއިން، އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ)ގެ އެހީގައި ހުޅުމާލޭގައި މަސް ބަންދުކުރާ ކާރުޚާނާއެއް އެޅުމަށް މިފްކޯއިން ދަނީ މަސައްކަތްކުރަމުންނެވެ. މި މަޝްރޫޢަށް 65 މިލިއަން ޑޮލަރުގެ ލޯނު އެހީ ލިބިފައިވާއިރު، މިއީ ދުވާލަކު 35 ޓަނުގެ މަސް ބަންދުކުރުމުގެ ޤާބިލުކަން ލިބިގެންދާނެ ފެސިލިޓީއެކެވެ.

މަސްވެރިކަމުގެ ދާއިރާއިން ރާއްޖެއަށް ލިބޭ އާމްދަނީ އިތުރުވަމުން ދިއުމާއެކު، މި ދާއިރާއަށް އިތުރު އިންވެސްޓްމަންޓްތައް ގެނައުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ. މިގޮތުން، ބޭރުގެ އިންވެސްޓަރުންނަށް ވެސް މި ދާއިރާގައި އިންވެސްޓްކުރުމުގެ ފުރުސަތު ހުޅުވާލުމަށް ވަނީ ރޭވިފައެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މަސްވެރިކަމުގެ ދާއިރާއަށް ދެމުންދާ ސަމާލުކަމާއި، މި ދާއިރާ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާ މިހާރު ވަނީ ފެންނަން ފަށާފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%