އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށް ހިލޭ އެހީގެ ގޮތުގައި ޖަޕާނު ސަރުކާރުން ރާއްޖެއަށް 194 މިލިޔަން ޖަޕަނީޒް ޔެން ނުވަތަ 1.3 މިލިއަން ޑޮލަރުގެ އެހީ ދީފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ އެއީ ޖަޕާން ޕްރޮޖެކްޓް ފޯ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލަޝިޕް (ޖޭޑީއެސް)ގެ ދަށުން ޖަޕާނު ސަރުކާރުން ރާއްޖެއަށް ދީފައިވާ އެހީއެއް ކަމަށެވެ.
އެ އެހީ ފޯރުކޮށްދިނުމަށް ދިވެހި ސަރުކާރާއި ޖަޕާނު ސަރުކާރާ ދެމެދުގައި މިއަދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
ފޮރިން މިނިސްޓްރީގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ޝެރީނާ އަބްދުއްސަމަދެވެ. އަދި ޖަޕާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު އިޝިގާމީ ރުމީކޯ އެވެ.
މިނިސްޓްރީން ބުނީ އެ ރަސްމިއްޔާތުގައި ހަޔަ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުއްރަހީމް ހަސަންގެ އިތުރުން އެ މިނިސްޓްރީގެ އިތުރު އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވި ކަމަށެވެ. ސިވިލް ސާވިސް ކޮމިޝަނާއި ޖަޕާނު އެމްބަސީ އަދި ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ)ގެ އިސްބޭފުޅުން ވެސް އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ކަމަށް މިނިސްޓްރީން ބުންޏެވެ.
ޖަޕާން ސަރުކާރުގެ ފަރާތުން 2020 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ މި އެހީގެ ދަށުން، ޖަޕާނުގެ އެންމެ މަތީ ފެންވަރުގެ ޔުނިވާސިޓީތަކުގައި މާސްޓާސް ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ދިވެހިންނަށް ލިބެ އެވެ.
އެ ސްކޮލަޝިޕް ޕްރޮގްރާމުގެ މަގުސަދަކީ މުސްތަގުބަލުގައި އިޖުތިމާއީ އަދި އިގުތިސާދީ ތަރައްގީގެ ސިޔާސަތުތައް އެކުލަވާލުމާއި ތަންފީޒުކުރުމުގައި ޝާމިލުވާނެ ގާބިލު އަދި ގައުމު އާރާސްތުކުރުމުގައި މުހިންމު ރޯލެއް އަދާކުރާނެ ދިވެހި ޒުވާނުން ބިނާކުރުމެވެ.
މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ ދަށުން ހަ ދަރިވަރަކަށް ފުލީ ފަންޑެޑް ސްކޮލަޝިޕް ފުރުސަތު ލިބޭނެ އެވެ.
މިނިސްޓްރީން ބުނި ގޮތުގައި, މިދިޔަ އަހަރު ވެސް ޖަޕާނު ސަރުކާރުން ވަނީ މި އެހީތެރިކަން ފޯރުކޮށްދީފަ އެވެ. ޖޭޑީއެސްގެ ޕްރޮގްރާމުތަކަކީ އެއް އަހަރު ނުވަތަ ދެ އަހަރުގެ ޕްރޮގްރާމްތަކެކެވެ.