ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށް، އެ ރައްޔިތުން އަމިއްލަ ގައުމުގައި ދެމިތިބުމާއި، ގެދޮރާއި ވަޒަން އަދި އަޅުކަންކުރުމުގެ ފުރިހަމަ މިނިވަންކަން ކަށަވަރުކުރުމަށްޓަކައި ގައުމުތަކުން ގުޅިގެން މިހާރަށްވުރެ ހަރުދަނާ މަސައްކަތްތަކެއް ކުރުމަށް ދިވެހިރާއްޖޭގެ ހާރިޖީ ވަޒީރު އިރުތިޝާމް އާދަމް ގޮވާލައްވައިފި އެވެ.
ވަޒީރު މިކަމަށް ގޮވާލެއްވީ ގުދުސްގެ ހައްގުގައި އަރަބި އިސްލާމީ ގައުމުތަކުގެ ވަޒީރުން ބޭއްވި "ޖޮއިންޓް އަރަބް އިސްލާމިކް މިނިސްޓީރިއަލް މީޓިންގް އޮން ޖެރުސަލެމް" ގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ބައްދަލުވުމަކީ ގުދުސްގައި ހިންގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، އެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް އުރުދުންގެ އިސްނެގުމުގެ މަތިން ޢަރަބި އިސްލާމީ ގައުމުތަކާ ގުޅިގެން ބޭއްވި މުހިންމު ބައްދަލުވުމެކެވެ.
ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ހާރިޖީ ވަޒީރު ވިދާޅުވީ، ގުދުސްއަކީ ހަމައެކަނި އެޖެންޑާއެއްގައި އޮތް މައުޟޫއަކަށްވުރެ ބޮޑަށް މުޅި އިސްލާމީ އުންމަތުގެ ހިތްތަކުގައި ހާއްސަ ގަދަރަކާއި ލޯތްބެއް ދެވިފައިވާ މާތް ބިމެއް ކަމަށެވެ. އެހެންކަމުން އެ ބިމުގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ދެމެހެއްޓެނިވި ސުލްހައާއި އަމާންކަން ޤާއިމުކުރުމަށްޓަކައި ކޮންމެހެން މުހިންމު ކަމެއްކަން އެކަމަނާ ފާހަގަކުރެއްވި އެވެ. މީގެއިތުރުން، ގުދުސްގައި މިއަދު ހިނގަމުންދާ ކަންކަމަކީ އެތަނުގެ މާދަމާގެ މުސްތަގުބަލު ބައްޓަންވެގެންދާނެ ގޮތްކަން ބަޔާންކުރައްވަމުން ވަޒީރު ވިދާޅުވީ، މިއަދު ފެންނަމުންދަނީ ފަލަސްތީނުގެ ރައްޔިތުންނާއި، ގުދުސް އަދި އެ މާތް ބިމުގައިވާ މުގައްދަސް ތަންތަން ވީރާނާކޮށް ހަލާކުކުރަމުންދާ ހިތާމަވެރި މަންޒަރުތައް ކަމަށެވެ. އަދި އަލްއަގްސާ މިސްކިތުގެ ހުރުމަތް ކަނޑައި ތަކުރާރުކޮށް ހިންގާ ހަމަނުޖެހުންތަކާއި، ޔަހޫދީން ވަޒަންވެރިކުރުވުމުގެ ސިލްސިލާ ހަރަކާތްތަކާއި، ފަލަސްޠީނުގެ އާއިލާތައް އެމީހުންގެ އަމިއްލަ ގެދޮރުން ނެރެ މަގުމަތިކުރުމުގެ ލާއިންސާނީ ޖަރީމާތަކަށް އެއްވެސް ޖާގައެއް ދެވިގެން ނުވާނެ ކަމަށްވެސް ވިދާޅުވި އެވެ.
ފަލަސްތީނުގެ މައްސަލައިގައި ރާއްޖެއިން ގެންގުޅޭ ސިޔާސަތު ވަރަށް ސާފުކަން ހާމަކުރައްވައި ވަޒީރު ވަނީ އެ ބިމުގައި އިސްރާއީލުން ހިންގަމުންދާ އެންމެހައި ޖަރީމާތައް ވަގުތުން ހުއްޓާލުމަށް ގޮވާލައްވާފަ އެވެ. އަދި ބައިނަލްއަޤުވާމީ ޤާނޫނުތަކާއި މުޢާހަދާތަކާ ހިލާފަށް ގުދުސްގައި ޔަހޫދީން ވަޒަންވެރިކުރުވައި، ހިންގަމުންދާ އަނިޔާވެރި ޢަމަލުތަކާއެކުވެސް އެ ބިމުގެ މާތްކަމާއި މުގައްދަސްކަމަކަށް އެއްވެސް ބަދަލެއް ނުގެނެވޭނެ ކަމަށް ވިދާޅުވި އެވެ. އެހެންކަމުން، މި ޖަރީމާތައް ހުއްޓުވުމަށާއި ބައިތުލް މަޤްދިސް ޙިމާޔަތްކުރުމަށްޓަކައި ބައިނަލްއަޤުވާމީ މުޖުތަމަޢުން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކުރަންޖެހޭ ކަމަށް ފާހަގަކުރެއްވި އެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ގުދުސް ހިމާޔަތްކުރުމަކީ ފަލަސްތީނުގެ ރައްޔިތުންގެ މުސްތަގުބަލު އަމިއްލައަށް ކަނޑައެޅުމުގެ ފުރިހަމަ މިނިވަންކަން އެ ރައްޔިތުންނަށް ހޯދައިދިނުން ކަމަށެވެ. އެގޮތުން ބައިނަލްއަޤުވާމީ ދުނިޔޭގައި ފަލަސްތީނުގެ މިނިވަން ދައުލަތް ބަލައިގަތުން އިތުރުކުރުމަށާއި، އދ. ގެ ފުރިހަމަ މެންބަރު ގައުމަކަށް ފަލަސްތީނު ހެދުމަށް ހުރިހާ ގައުމުތަކުން ގުޅިގެން މަސައްކަތްކުރުމަށް ގޮވާލެއްވި އެވެ. އަދި ޔަހޫދީން ވަޒަންވެރިކުރުވުމުގެ ޖަރީމާތައް ހުއްޓުވުމަށް އިސްލާމީ ގައުމުތަކުން އެހެން ގައުމުތަކާ ގުޅިގެން އިތުރަށް ބާރުއެޅުމަށްވެސް ވަޒީރު އިލްތިމާސްކުރެއްވި އެވެ.









