ނޭޕާލާއި ޗައިނާގެ ޓިބެޓް ބޯޑަރު ގުޅޭ ސަރަހައްދަށް ކުރިމަތިވި ނުރައްކާތެރި ފެންބޮޑުވުމުގެ ކާރިސާގައި އެއްވެސް ދިވެހި ރައްޔިތަކަށް އަސަރެއް ނުވަތަ ގެއްލުމެއް ވެފައި ނުވާކަން ދިވެހިރާއްޖޭގެ ޚާރިޖީ ވުޒާރާއިން ކަށަވަރުކޮށްދެއްވައިފިއެވެ.
ޚާރިޖީ ވުޒާރާއިން ވިދާޅުވި ގޮތުގައި، ކާރިސާ ދިމާވި ސަރަހައްދުގައި އެއްވެސް ދިވެއްސަކު ހުރިކަމުގެ ރިޕޯޓެއް މިހާތަނަށް އެ ވުޒާރާއަށް ލިބިފައެއް ނުވެއެވެ. އަދި އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާއި ކަތުމަންޑޫގައި ހުންނަ ދިވެހިރާއްޖޭގެ އޮނޮރަރީ ކޮންސުލް މެދުވެރިކޮށް ހާލަތު ބެލިބެލުމުން، ނޭޕާލުގައި ދިރިއުޅޭ އެއްވެސް ދިވެހި ރައްޔިތަކަށް މިކާރިސާގެ އެއްވެސް އަސަރެއް ކޮށްފައި ނުވާކަން ވަނީ ދެނެގަނެވިފައެވެ.
އެހެންނަމަވެސް، މި ކާރިސާއާ ގުޅިގެން ނޭޕާލްގައި ތިބި ދިވެހި ރައްޔިތުންގެ ތެރެއިން އެއްވެސް ފަރާތަކުން އެހީތެރިކަމެއް ބޭނުންވާނަމަ ނުވަތަ އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ، އެ ވުޒާރާގެ ހޮޓްލައިން ނަންބަރު 9607983400+ އަށް ގުޅުއްވުމަށް ނުވަތަ consular@foreign.gov.mv އަށް އީމެއިލް ކުރެއްވުމަށް ޚާރިޖީ ވުޒާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.
މިހާތަނަށް 350 އަށްވުރެ ގިނަ މީހުން މަރުވެ، 1,300 އަށްވުރެ ގިނަ މީހުން ގެއްލިފައިވާ މި ބޮޑު ކާރިސާގައި ހާލުގައި ޖެހުނު މީހުން ސަލާމަތްކުރުމުގެ މަސައްކަތް ނޭޕާލްގެ ސިފައިންނާއި ރެސްކިއު ޓީމުތަކުން ދަނީ ހުއްޓުމެއްނެތި ކުރަމުންނެވެ.









