މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ދެމުންގެންދާ ހިދުމަތްތަކާއި، ވަޒީފާގެ ފުރުސަތުތަކުގެ އިތުރުން ކޮންސިއުލަރ އެހީތެރިކަމާ ބެހޭ މައުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމަށް ހާއްސަ "އޯޕަން ޑޭ" އެއް މާދަމާ ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
"ޑިޕްލޮމެސީ ވީކް 2026" ގެ ހަރަކާތްތަކުގެ ތެރެއިން، "ހާރިޖިއްޔާ ދިވެހިންނާ ގާތަށް!" މި ޝިއާރުގެ ދަށުން ކުރިއަށްގެންދާ މި އޯޕަން ޑޭ އޮންނާނީ ނޮވެންބަރު 19 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 3:00 އިން އިރުއޮއްސި 6:00 އަށް، ފޮރިން މިނިސްޓްރީގެ ގްރައުންޑް ފްލޯގައެވެ.
މި ހަރަކާތުގައި ވިސާއާ ގުޅޭ ކަންކަމާއި، ކޮންސިއުލަރ ހިދުމަތްތަކާއި، ލިޔެކިޔުންތައް އެޓެސްޓް ކުރުމުގެ އުސޫލުތަކުގެ އިތުރުން ވިސާއަށް އެދި ހުށަހެޅުމުގައި ބޭނުންވާނެ ޝަރުތުތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭ ހާއްސަ ކޯނަރުތައް ހުންނާނެއެވެ. އަދި ވީ.އެފް.އެސް ގެ މަންދޫބުންވެސް މި ހަރަކާތުގައި ބައިވެރިވެ، ވިސާއަށް އެދި ހުށަހަޅާނެ ގޮތްތަކާއި ބޭނުންވާ ލިޔެކިޔުންތަކާ ބެހޭ އިރުޝާދު ދޭނެއެވެ.
މީގެ އިތުރުން، ފޮރިން މިނިސްޓްރީގައި ހުރި ވަޒީފާގެ ފުރުސަތުތަކާއި ދާއިރާއިން ކުރިއަށްދިއުމަށް ހުރި ފުރުސަތުތަކާ ބެހޭ މައުލޫމާތު ދިނުމަށް ހާއްސަ "ޖޮބް ކޯނަރ" އެއް ގާއިމުކޮށްފައި ހުންނާނެއެވެ. އަދި މިނިސްޓްރީގެ ކޯލް ސެންޓަރ ޑެސްކް މެދުވެރިކޮށް، މިނިސްޓްރީގެ އޮފިޝަލުންނާ ސީދާ ބައްދަލުކޮށް މައުލޫމާތު ސާފުކުރުމުގެ ފުރުސަތުވެސް ޒިޔާރަތްކުރާ ފަރާތްތަކަށް ލިބިގެންދާނެއެވެ.
މިނިސްޓްރީގެ މަސައްކަތްތަކާއި ހިދުމަތްތަކަށް އާންމުން ހޭލުންތެރިކުރުވުމުގެ ގޮތުން ކުއިޒްތަކާއި ތަފާތު ޝައުގުވެރި ހަރަކާތްތަކެއްވެސް މި ޕްރޮގްރާމްގައި ހިމެނިފައިވެއެވެ. ހަމައެއާއެކު، ރާއްޖެއިން ބޭރުގައި ހުންނަ ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތައް މެދުވެރިކޮށް ދިވެހި ރައްޔިތުންނަށް ފޯރުކޮށްދޭ އެހީތެރިކަމާ ބެހޭ މައުލޫމާތުވެސް ލިބެން ހުންނާނެއެވެ.




