ޖާހު އިންވެސްޓްމަންޓުން ހުޅުމާލޭގައި ހަދަމުން އަންނަ އެޕާޓްމަންޓްތަކުގެ ނުނިމި ހުރި މަސައްކަތްތައް ނިންމަން އެޗްޑީސީން އެ މަސައްކަތް އާރުސީސީ އާއި ހަވާލުކޮށްފި އެވެ.
އެޗްޑީސީގެ މީޑިއާ ވަޓްސްއެޕް ގްރޫޕަށް މިއަދު ފޮނުވި މެސެޖެއްގައި އެ ކުންފުނިން ބުނީ ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުޅުމާލޭގައި ތަރައްގީކުރާ "ދަ ގާޑަންސް" ޕްރޮޖެކްޓްގެ ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ)އާއި ހަވާލުކޮށްފައިވާ ކަމަށެވެ.
ހުޅުމާލެ ސެންޓްރަލް ޕާކު ކައިރީގައި ހަދާ ޖާހުގެ އެޕާޓްމަންޓުގެ މަސައްކަތްތައް 2017 ވަނަ އަހަރު ފެށީ ދެއަހަރު ތެރޭގައި ނިންމަން ޖެހޭ ގޮތަށެވެ. ނަމަވެސް އެ މަސައްކަތް ދިގުލައި ނުނިމުމުން އެޗްޑީސީން ވަނީ އެއްބަސްވުން ބާތިލުކޮށް އެ ކުންފުނީގެ އަތުން އެތަން އަތުލައިފައެވެ. މަސައްކަތް ލަސްވާ މައްސަލައިގައި އެތަނުން އެޕާޓްމަންޓް ގަތް މީހުން މުޒާހަރާ ވެސް ކުރި އެވެ.
އެ މަސައްކަތް ނިންމަން އެޗްޑީސީން އެކި ފަހަރު މަތިން ޖާހު އިންވެސްޓްމަންޓަށް ފުރުސަތު ދިން ނަމަވެސް މަސައްކަތް ނިމިފައި ނުވެ އެވެ.
އެޗްޑީސީން ކުރިން ބުނެފައި ވަނީ ޖާހު އެޕާޓްމަންޓުތަކުގެ 10 ވަނަ ފްލޯއިން ތިރީގެ ހުރިހާ ފްލޯތަކުގެ ފިނިޝިން މަސައްކަތް ފަށާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ޕްލާސްޓަރިން އާއި ޕުޓީގެ މަސައްކަތާއި މުށި އަދި ސީލިންގުގެ މަސައްކަތްތަކެވެ.