ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޕޮލެންޑްގެ އަލަށް އިންތިޚާބުވި ރައީސް ކާރޯލް ނަވްރޮޓްސްކީއަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ. މި މެސެޖުގައި ރައީސް މުޢިއްޒު ވަނީ ޕޮލެންޑްގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ކާރޯލް ނަވްރޮޓްސްކީ ހޯއްދެވި ކާމިޔާބީ ފާހަގަކުރައްވައި މަރުހަބާ ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ޕޮލެންޑްގެ އިންތިޚާބީ ރައީސްގެ އިސްނެންގެވުމުގެ ދަށުން އެ ޤައުމުގެ ރައްޔިތުން އެދޭ އުސްމިންތަކަށް ޕޮލެންޑް ގެންގޮސްދެވޭނެކަމުގެ ޔަޤީންކަން އޮތްކަމަށް ވިދާޅުވިއެވެ. އަދި ކާރޯލް ނަވްރޮޓްސްކީއާ ހަވާލުކުރެވިފައިވާ ޒިންމާތައް އަދާކުރެއްވުމުގައި ކާމިޔާބު ލިބިވަޑައިގަތުމަށް އެދިވަޑައިގެންފައިވެއެވެ.
މީގެއިތުރުން، ރައީސް މުޢިއްޒު ވަނީ ކާރޯލް ނަވްރޮޓްސްކީއަށް ދުޅަހެޔޮކަމާއި އުފާވެރިކަމަށް އެދިވަޑައިގެންފައެވެ. އަދި ޕޮލެންޑްގެ ރައްޔިތުންނަށް އަމާންކަމާއި ސުލްޙަ މަސަލަސްކަން ލިބުމަށްވެސް އެދިވަޑައިގެންފައިވެއެވެ.