ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް އަންހެނުންނަށް ޚާއްސަކޮށް ތައާރަފުކުރި ލޯނު ސްކީމަށް އެދުމުގެ ފުރުޞަތު މި މަހު 15ގައި ހުޅުވާލާނެ ކަމަށް އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް (އެސްޑީއެފްސީ)އިން ބުނެފިއެވެ.
'ފަށާ މަދަދު ލޯނު'ގެ ނަމުގައި ތައާރަފްކުރާ މި ލޯނުގެ ތެރެއިން %25 އަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްސަ ބައެއް ކަމަށް އެސްޑީއެފްސީން ވަނީ ބުނެފައެވެ.
ރައީސް މި ލޯނު ސްކީމް ތައާރަފްކުރައްވާފައިވަނީ ވިޔަފާރީގެ ދާއިރާގައި އަންހެނުން ބާރުވެރިކުރުވުމަށެވެ.
މި ލޯނު ސްކީމް ކުރިއަަށްގެންދަނީ އެސްޑީއެފްސީއާއި އިކޮނޮމިކް މިނިސްޓްރީއާއި އާއިލީ އަދި އިޖުތިމާއީ ތަރައްގީއާ ބެހޭ ވުޒާރާ ގުޅިގެންނެވެ.
މިދިޔަ އަހަރުގެ މާރިޗު މަހުގެ 3 ގައި މި ލޯނު އެންމެ ފުރަތަމަ ފަހަރަށް ދޫކޮށްފައިވާއިރު، އެފަހަރު 60 މީހަކަށް ވަނީ ލޯނު ދީފައެވެ.
އެސްޑީއެފްސީން މީގެ ކުރިން ބުނެފައިވަނީ އެ ލޯނަށް 100،000 ރުފިޔާއާއި 500،000 ރުފިޔާއާ ދެމެދުގެ ޢަދަދަކަށް ފައިސާ ލިބޭނެ ކަމަށެވެ.
އަހަރަކު %6ގެ އިންޓްރެސްޓާއެކު އެ ލޯނު ދޭއިރު، ލޯނަށް ގިނަވެގެން 12 މަސްދުވަހުގެ ގްރޭސް ޕީރިއަޑެއް ދީ، އަނބުރާ ދައްކަން ހަތް އަހަރު ދެވޭނެއެވެ.
މި ސްކީމްގެ ދަށުން އެހީ ފޯރުކޮށްދެނީ އަންހެން ވިޔަފާރިވެރިންގެ ތެރެއިން އާމްދަނީ ކަށަވަރު ނުވުމުގެ ސަބަބުން ލޯނު ނެގުމަށް ދަތިވާ އަންހެނުންނަށެވެ.