ގދ. ފިޔޯރީގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ފިޔޯރީގެ ކައުންސިލް މެމްބަރުންނާއެކު މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ މިއަދު ރައީސް އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި ފިޔޯރީގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ ބޭނުންވާ ކަންކަމާގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.
މި މަޝްވަރާތަކުގައި، ރަށުގެ ޒުވާނުން މިހާރު ފުޓްސަލް ކުޅުމަށް ބޭނުންކުރަމުންދާ ދަނޑާއި، އަދި ރަށާ އިންވެގެންވާ ފަޅުރަށްތައް ތަރައްޤީކުރުމުގެ މަޝްރޫޢުތައް ނިންމަވައިދެއްވުމަށް ކައުންސިލުން އެދިވަޑައިގެންފައިވެއެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވަނީ ކައުންސިލްގެ ރައީސާއި، ކައުންސިލް މެންބަރުން ފާހަގަކުރެއްވި ކަންކަމަށް އަވަސް ޙައްލެއް ހޯއްދަވައިދެއްވުމަށް ކަމާގުޅުންހުރި އިދާރާތަކާ މަޝްވަރާކުރެއްވުމަށްފަހު އެކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ.
މީގެ އިތުރުން ކައުންސިލުން ހުށަހެޅުއްވި ހުރިހާ ކަމަކަށްވެސް ސަމާލުކަން ދެއްވާނެކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.