މާލޭގައި ހިންގި އޮޕަރޭޝަނެއްގައި 25 ބިދޭސީން ހައްޔަރުކޮށްފި

ހުސައިން އިސްމާއިލް | 1 ދުވަސް ކުރިން - 31 މޭ 2025 13:36
އިމިގްރޭޝަނުން ބުރާސްފަތިދުވަހު ހިންގި އޮޕަރޭޝަންގެ ވީޑިއޯއިން ނަގާފައިވާ ސްކްރީން ޝޮޓެއް.
އިމިގްރޭޝަނުން ބުރާސްފަތިދުވަހު ހިންގި އޮޕަރޭޝަންގެ ވީޑިއޯއިން ނަގާފައިވާ ސްކްރީން ޝޮޓެއް.
ޚުލާސާ

މި އޮޕަރޭޝަންގައި އިމިގްރޭޝަނުން ވަނީ 2 ތަނެއް ބަލައި ފާސްކޮށް 102 ބިދޭސީން ޗެކްކޮށްފަ.

މާލޭގައި ޤަވާއިދާ ޚިލާފަށް ދިރިއުޅެމުންދިޔަ 25 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި މީހުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ހިންގި އޮޕަރޭޝަނެއްގެ ތެރެއިންނެވެ.

މީގެކުރިން އެއްވެސް ސަރުކާރަކަށް ބިދޭސީންގެ މައްސަލަތަކަށް ހައްލެއް ނުގެނެވުނެވެ. ނަމަވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާއެކު ހޯމްމިނިސްޓްރީ އާއި އިމިގްރޭޝަނާއި ގުޅިގެން މިއިން ޒަމާނަކު ނުކުރާހާ ގިނަ މަސައްކަތްތްތައް ކޮށް، ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައި ދިނުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެކަމުގެ ނަތީޖާތައް މިދަނީ ފެންނަމުންނެވެ.

މޯލްޑިވްސް އިމިގްރޭޝަނުން މަޢުލޫމާތު ދެއްވިގޮތުގައި، މި އޮޕަރޭޝަނަކީ ޤަވާއިދާއި ޚިލާފަށް ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީން ހޯދުމަށް ޓާސްކް ފޯސްއިން ކުރިއަށްގެންދާ އޮޕަރޭޝަންތަކުގެ ތެރެއިން ހިންގި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަންގައި އިމިގްރޭޝަނުން ވަނީ 2 ތަނެއް ބަލައި ފާސްކޮށް 102 ބިދޭސީން ޗެކްކޮށްފައެވެ.

އިމިގްރޭޝަނުން ބުނި ގޮތުގައި، މި އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ހެންވޭރުގައި ހުންނަ ގެއަކުން 7 ބިދޭސީންނާއި، މާފަންނު ހަވީރީ ގޯޅީގައި ހުންނަ ގެއަކުން 18 ބިދޭސީން ހިމެނެއެވެ. މި 25 ބިދޭސީންނަކީ ސައްހަ ލިޔެކިޔުމެއް ނެތި ރާއްޖޭގައި ދިރިއުޅެމުންދިޔަ ބައެކެވެ.

އިމިގްރޭޝަނުން ވަނީ މި ރެއިޑް އޮޕަރޭޝަންގެ މަންޒަރުތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. އެ ވީޑިއޯއިން އެތަނުގެ ޙާލަތު ހުރިގޮތް ފެންނަން ހުއްޓެވެ.

މި އޮޕަރޭޝަނަކީ ސަރުކާރުން ކުރިއަށްގެންދާ "އޮޕަރޭޝަން ކުރަނގި" ގެ ބައެކެވެ. މި މަޝްރޫޢުގެ ދަށުން ރާއްޖޭގައި އުޅޭ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކުރުމުގެ މަސައްކަތް ކުރިއަށްދެއެވެ. މިހާތަނަށް 150,000 އަށްވުރެ ގިނަ ބިދޭސީންގެ މަޢުލޫމާތު ވަނީ އެއްކޮށްފައެވެ.

އިމިގްރޭޝަނުން އިތުރަށް ހާމަކުރެއްވި ގޮތުގައި، އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާފަދަ ގޮތަށް ކާބޯތަކެތި ތައްޔާރުކުރާ ތަންތަން ބަލައި ފާސްކުރުމަށް ޚާއްސަ އޮޕަރޭޝަނެއްވެސް ކުރިއަށްދެއެވެ.

ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިހާތަނަށް ގަވާއިދާ ޚިލާފަށް އުޅުނު 5,000 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ހާމަކުރައްވާފައެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%