ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރުގެ މަގާމު ފުރުއްވާފައިވާ ޑރ. މުހައްމަދު އަލީ، މިއަދު އަވަހާރަވެއްޖެއެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 67 އަހަރެވެ.
ޑރ. މުހައްމަދު އަލީ އަކީ ދިވެހި ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން މުހިންމު ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ.
ތިމާވެށީގެ ދާއިރާއިން ޕީއެޗްޑީ ހާސިލް ކުރައްވާފައިވާ މުހައްމަދު އަލީއަކީ ހޯމް މިނިސްޓްރީ އާއި ކުރީގެ ޕްލޭނިން މިނިސްޓްރީގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވި ބޭފުޅެެކެވެ. އެ ދެ މިނިސްޓްރީގައި އޭނާ މަސައްކަތް ކުރެއްވީ ތިމާވެށްޓާ ބެހޭ ބައި އެ މިނިސްޓްރީތަކުގެ ދަށުގައި އޮތް ދުވަސްވަރުގަ އެވެ
ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި ޗީފް އޮފް ސްޓާފްގެ މަގާމު ފުރުއްވުމަށްފަހު، 2012 ވަނަ އަހަރު އޭނާ ވަނީ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމަށް އައްޔަންކުރައްވާފައެވެ. އަދި އޭގެ ފަހުން 2013 ވަނަ އަހަރު ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ސްޓޭޓް މިނިސްޓަރުގެ މަގާމުވެސް އޭނާ ފުރުއްވިއެވެ.
އޭނާ އަވަހާރަވުމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ އާއިލާއަށް ތައުޒިޔާ ކިޔަމުންނެވެ.









