މެދުކަނޑާލާފައިވާ އިލެކްޓްރޯނިކް ޕާސްޕޯޓުގެ ހިދުމަތް އަންނަ މަހުގެ ކުރީކޮޅު އަލުން ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ކޮންޓްރޯލާ ޖެނަރަލް އޮފް އިމިގްރޭޝަން އަހްމަދު ފަސީހު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ފަސީހު ވިދާޅުވީ، ޕާސްޕޯޓު ހެއްދުމަށް ބޭނުންވާ ތަކެތި އުފެއްދުމަށް މިހާރު އޯޑަރު ދީފައިވާ ކަމަށެވެ. އަދި މި ތަކެތި މި މަހުގެ ފަހުކޮޅު ނުވަތަ އަންނަ މަހުގެ ކުރީކޮޅު ރާއްޖެއަށް ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި، ބޭނުންވާ ތަކެތި ލިބުނުހާ އަވަހަކަށް އިލެކްޓްރޯނިކް ޕާސްޕޯޓު ދޫކުރުމުގެ ހިދުމަތް އަލުން ފަށާނެ ކަމަށް ފަސީހު ވިދާޅުވި އެވެ.
ފަސީހު ވިދާޅުވީ އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓު ދޫކުރުން މެދުކަނޑާލަން ޖެހުނީ އެ ޕާސްޕޯޓު ޕްރިންޓްކުރުމަށް ބޭނުންކުރާ "ޕާސްޕޯޓު ބުކްލެޓް" ގެ ސްޓޮކް ރާއްޖެއަށް ގެނައުމުގައި ދިމާވި ލަސްތަކަކާ ގުޅިގެން ކަމަށާއި މިދިޔަ މޭ މަހުގެ 8 ވަނަ ދުވަހުން ފެށިގެން މި ހިދުމަތް މެދުކަނޑާލީ ސްޓޮކް މެނޭޖްކުރުމުގެ ބޭނުމުގައި ކަމަށެވެ.
އިލެކްޓްރޯނިކް ޕާސްޕޯޓުގެ ހިދުމަތް މެދުކަނޑާލާފައިވާ މުއްދަތުގައި އިމިގްރޭޝަނުން ނިންމާފައިވަނީ އޯޑިނަރީ ޕާސްޕޯޓަށް އެދި ހުށަހަޅާ ފަރާތްތަކަށް "ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓު" ދޫކުރުމަށެވެ. މިއީ ވެސް އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) ގެ މިންގަނޑުތަކާ އެއްގޮތަށް، 5 އަހަރުގެ މުއްދަތަށް ދޫކުރެވޭ މެޝިން ރީޑަބަލް ޕާސްޕޯޓެކެވެ.
އަގުތަކަށް ބަލާއިރު، އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓުގެ ފީއަކީ 1,000 ރުފިޔާއެވެ. ނަމަވެސް މިހާރު ދޫކުރަމުންދާ ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓުގެ ފީއަކީ 600 ރުފިޔާ އެވެ.
ސަރުކާރުން އަންނަނީ ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް އަވަސްކޮށް، ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ޕާސްޕޯޓުގެ ހިދުމަތަށް ދިމާވެފައިވާ މި ދަތިކަން ހައްލުކުރުމަކީ އިމިގްރޭޝަނުން މިވަގުތު އެންމެ އިސްކަމެއްދޭ އެއް މަސައްކަތްކަމަށް ފަސީހު ވިދާޅުވި އެވެ.









