ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިމިގްރޭޝަނާ ދެމެދު ކަސްޓަމަރުންގެ ޒާތީ އެއްވެސް މައުލޫމާތެއް ބަދަލު ނުކުރާކަމުގެ ޔަގީންކަން އެ ބޭންކުން ދީފި އެވެ. ބީއެމްއެލްއިން މިކަން ހާމަކޮށްފައިވަނީ، ބޭންކުން އަލަށް ތައާރަފުކުރި ސަލާމަތީ ފިޔަވަޅަކާ ގުޅިގެން ސޯޝަލް މީޑިއާގައި ކަސްޓަމަރުންގެ ޒާތީ މައުލޫމާތު ހިއްސާކުރާ ކަމަށް ބުނެ ފެތުރެމުންދާ ވާހަކަތަކަށް ރައްދު ދެމުންނެވެ.
މޯލްޑިވްސް އިމިގްރޭޝަނާއެކު ގާއިމުކުރެވުނު ޑިޖިޓަލް އިންޓަގްރޭޝަންގެ އެހީގައި، ރާއްޖެއިން ބޭރުގައި ޕީ.އޯ.އެސް އަދި އޭ.ޓީ.އެމް ތަކުގައި ބޭނުންކުރެވޭ ފޮރިން ސްޕެންޑް ލިމިޓް، ދެން އެކްޓިވް ވާނީ ހަމައެކަނި ކާޑުގެ ވެރިފަރާތް ރާއްޖެއިން ބޭރުގައި ހުންނަ ވަގުތުތަކުގަ އެވެ.
މިކަމާ ގުޅިގެން ބީއެމްއެލްއިން ބުނީ، އިމިގްރޭޝަނާއި ބޭންކާ ދެމެދު އެއްވެސް ޑޭޓާއެއް ބަދަލު ނުކުރެވޭނެ ކަމަށެވެ. އަދި އިމިގްރޭޝަނުން ބޭންކަށް އެއްވެސް ޒާތީ މައުލޫމާތެއް ނުލިބޭނެ ކަމަށާއި، މި އިންޓަގްރޭޝަން މެދުވެރިކޮށް ހަމައެކަނި ކަށަވަރުކޮށްދެނީ ރާއްޖެއިން ބޭރުގައި މުއާމަލާތެއް ހިންގާ ވަގުތު ކަސްޓަމަރު ހުރީ ރާއްޖެއިން ބޭރުގައިތޯ ނުވަތަ ނޫންތޯ އެކަނި ކަމަށް ބޭންކުން މައުލޫމާތު ދެ އެވެ.
ޓްރާންސެކްޝަންތައް އޮތޮރައިޒް ކުރުމަކީ ބޭންކިންގް ނިޒާމުގެ ތެރޭގައި އަބަދުވެސް އޮންނަ އާންމު ކަމެކެވެ. މިއީ އަލަށް ކުރަން ފެށި ކަމެއް ނޫން ކަމަށާއި، ކަސްޓަމަރުންގެ ރައްކާތެރިކަމަށްޓަކައި މުއާމަލާތްތައް މެދުނުކެނޑި ވެރިފައި ކުރުމަކީ ބޭންކަށް ލާޒިމު ކަމެއް ކަމަށްވެސް ބީއެމްއެލްއިން ބުންޏެވެ. މިގޮތުން އަލަށް އިތުރުކުރެވުނު ޗެކަކީ ހަމައެކަނި ކާޑުގެ ވެރިފަރާތް ރާއްޖެއިން ބޭރުގައި ހުރިތޯ ބެލުން އެކަންޏެވެ. މީގެ އިތުރު އެއްވެސް މައުލޫމާތެއް ބެލުމެއް ނުވަތަ ހިއްސާކުރުމެއް ނޯންނާނެ އެވެ.
ބޭންކުން މި ފިޔަވަޅު އެޅުމުގެ މައިގަނޑު މަގުސަދަކީ ކާޑު ފްރޯޑުން ކަސްޓަމަރުން ސަލާމަތް ކުރުމެވެ. ހާއްސަކޮށް، ކާޑުގެ ވެރިފަރާތް ރާއްޖޭގައި ހުއްޓާ، އޭނާގެ ކާޑު ބޭނުންކޮށްގެން ރާއްޖެއިން ބޭރުގައި މުއާމަލާތްތައް ހިންގާ ހާލަތްތަކުގައި ކަސްޓަމަރުންނަށް ލިބޭ ގެއްލުންތަކުން ރައްކާތެރިކޮށްދިނުމެވެ.









