މި އަހަރު ސަރުކާރުން ރަސްމީކޮށް ބޮޑު އީދު ފާހަގަކުރާ ރަށްރަށަށް ދިވެހިބަހާއި ސަގާފަތާ ބެހޭ މިނިސްޓްރީން ޒިޔާރަތްކޮށްފި އެވެ.
މި އަހަރު މާލެ ފިޔަވައި ބޮޑު ރަސްމީކޮށް ފާހަގަކުރުމަށް ހަމަޖެހިފައި ވަނީ ހއ. ކެލާ އާއު ކ. ގުރައިދޫ އަދި ލ. ގަމުގަ އެވެ.
ދިވެހިބަހާއި ސަގާފަތާ ބެހޭ މިނިސްޓްރީން މިއަދު ބުނީ އެ ތިން ރަށުގައި ވެސް އީދު ފާހަގަކުރުމުގެ ތައްޔާރީތައް މިހާރު ފަށާފައިވާ ކަމަށެވެ. އެ ތައްޔާރީތައް ބެލުމަށް މިނިސްޓްރީގެ ޓީމު އެންމެ ފުރަތަމަ ޒިޔާރާތްކޮށްފައި ވަނީ މި މަހު 29 ގައި ގުރައިދޫ އަށް ކަމަށެވެ.
އޭގެ ފަހުން މި މަހުގެ 29 ގެ ނިޔަލަށް ކެލާ އާއި ގަމަށް ވެސް ޒިޔާރާތްކޮށްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީގެ އެ ދަތުރުތަކުގައި މިނިސްޓްރީގެ އިވެންޓް ޓީމާއި ސްޓޭޓް މިނިސްޓަރުން އަދި ބޮޑު އީދު ފާހަގަކުރުމުގައި މިނިސްޓްރީއާ އެކު މަސައްކަތްކުރާ ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ޓެކްނިކަލް ޓީމުން ވެސް ބައިވެރިވި އެވެ.
އެ ދަތުރުތަކުގައި ތިން ރަށުގެ ވެސް ކައުންސިލާއި ބައްދަލުކޮށް، ރަށްރަށުން އީދަށް އެކުލަވާލާފައިވާ ހާއްސަ ކޮމިޓީއާ ވެސް ބައްދަލުކޮށްފައިވާ ކަމަށާއި ރަށްރަށުން އީދަށް ވަމުން އަންނަ ތައްޔާރީތައް ބައްލަވާލައްވައި، އެކަމުގައި މިނިސްޓްރީގެ ފަރާތުން ކުރަން ހުރި ކަންކަން ވެސް ބެއްލެވި ކަމަށް ބުންޏެވެ.
މިނިސްޓްރީން ބުނީ ތިން ރަށުން ވެސް ބޮޑު އީދަށް ވަރަށް ބޮޑަށް ތައްޔާރުވެފައިވާ ކަމަށެވެ.