ޣައްޒާ ރައްޔިތުން މިއަދު ކާނެ އެއްޗެއް ހޯދަން ދިޔުމުން އެމީހުންނާއި ދިމާލަށް ބަޑިޖަހަމުންދާ ދެ ވީޑިއޯއެއް ސޯޝަލްމީޑިއާގައި މިއަދު އެބަ ދައުރުވެއެވެ.
އިޒްރޭލު ހަމަލާތަކުން މެދުތެރޭ ޣައްޒާގައި މިހާރު އޮތީ ބިރުވެރިކަމާއި ޒަޚަމްވުން އިތުރުވެފައެވެ.
ވީޑިއޯއިން ފެންނަނީ ޣައްޒާގެ އަލް-ބުރެއިޖް ރެފިއުޖީ ކޭމްޕް ކައިރީގައި ހުރި ސަލާހުއްދީން މަގުގައި ފަލަސްތީނުގެ ރައްޔިތުން މަރަށް ބިރުން ބާރަށް ދެކުނަށް ދުވަމުންދާ މަންޒަރެވެ.
މި ވީޑިއޯތަކުގެ ތެރެއިން އެއް ވީޑިއޯގައި ފެންނަނީ ބަޑިޖަހާތީވެ އެ ބަޑީގެ އަޑަށް މީހުން ދުވެ، ރައްކާތެރިކަން ހޯދަމުންދާ މަންޒަރެވެ. ތިން މީހަކު ވެގެން ކޮނޑުގައި ޒަޚަމްވެފައިވާ މީހަކު އުފުލާ މަންޒަރުވެސް ފެނެއެވެ. ނަމަވެސް ބަޑިޖަހާ މީހާއެއް ސާފެއް ނޫނެވެ.
އަނެއް ވީޑިއޯގައި ފެންނަނީ ފަޔަށް ވަޒަން އެރުމުގެ ސަބަބުން ޒަޚަމްވެފައިވާ ދެ މީހަކު ވެހިކަލްތަކަށް އަރުވަމުންދާ މަންޒަރެވެ.
ފަލަސްތީނުގެ ސޯޝަލް މީޑިއާގައި ބުނެފައިވާ ގޮތުގައި ހަމަލާ ދިނީ ނެޓްޒަރިމް ކައިރީގައި ހުރި އެހީ ބަހާ ސަރަހައްދައް ކާނެ އެއްޗެއް ހޯދަން ދިޔަ މީހުންނަށެވެ.
ބީބީސީން ބުނާ ގޮތުގައި އެމީހުން ދުވަމުންދާ މަންޒަރު ދައްކުވައިދޭ ވީޑިއޯ ނަގާފައިވަނީ އެމެރިކާ އަދި އިސްރާއީލުގެ އެހީތެރިކަމާއެކު ހިންގާ ޣައްޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަންގެ ސައިޓަކުން 1.6 ކިލޯމީޓަރު ދުރުގައެވެ. އަދި ނެޓްޒަރިމް ކޮރިޑޯއިން 3.5 ކިލޯމީޓަރު ދުރުގައެވެ. ޒަޚަމްވެފައިވާ މީހުންގެ ވީޑިއޯ ނަގާފައިވަނީ އެތަނާއި 600 މީޓަރު ދެކުނުގައެވެ.









