ރައީސުލްޖުމްހޫރިއްޔާ އަދި ޗީފް ސްކައުޓް ޑރ. މުޙައްމަދު މުޢިއްޒަށް މިއަދު ވޯލްޑް ސްކައުޓް ބެޖު އަރުވައިފިއެވެ.
މި ބެޖު އެރުވީ ޤައުމީ ސްކައުޓް ދުވަހާ ގުޅުވައިގެން ރައީސް އޮފީހުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މުޙައްމަދު ނަޘީފެވެ.
ރައީސް އަކީ މަޖީދިއްޔާ ސްކޫލުގައި ކިޔަވައި ވިދާޅުވި ދުވަސްވަރު ފަސްޓް މާލެ ސްކައުޓް ގްރޫޕުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅެކެވެ.
މި ރަސްމިއްޔާތުގައި ރައީސް ވަނީ ސްކައުޓް ކައުންސިލްގެ 8 މެންބަރުންނަށް މަޤާމުގެ ލިޔުން ޙަވާލުކޮށްދެއްވާފައެވެ.
މީގެ އިތުރުން، ރައީސް ވަނީ 7 ސްކައުޓަކަށް ސްކައުޓް އެވޯޑު ދެއްވާފައެވެ. މި އެވޯޑަކީ ދިވެހި ސްކައުޓް ޙަރަކާތުގައި ދެވޭ އެންމެ މަތީ އެވޯޑެވެ. މި އެވޯޑު ލިބުނު ސްކައުޓުންގެ ތެރޭގައި އަރަބިއްޔާ ސްކޫލުގެ 6 ސްކައުޓުންނާއި ނައިފަރު އިފްތިތާޙް ސްކޫލުގެ 1 ސްކައުޓެއް ހިމެނެއެވެ.
ރައީސްގެ ސްކައުޓް އެވޯޑު ލިބެނީ އެކި ދާއިރާތަކުގެ ހުނަރު ލިބިދޭ ޕްރޮފެޝަނަލް ބެޖުތައް ޙާޞިލުކުރުމާއެކު، ޖަމާޢަތަށް ފައިދާހުރި މަސައްކަތްތައް ފުރިހަމަކުރުމުންނެވެ.