ކަނޑުގެ ލޮނުގަނޑު އުފުލުމާއި ގްލޭޝިއަރ ނެތިދިއުމުގެ މައްސަލައަށް އަވަސް ފިޔަވަޅު އެޅުމަށް ނައިބު ރައީސް ގޮވާލައްވައިފި

އާނާ ފަހީމް | 1 ދުވަސް ކުރިން - 30 މޭ 2025 18:55
“ހައި-ލެވެލް އިންޓަރނޭޝަނަލް ކޮންފަރަންސް އޮން ގްލޭޝިއަރސް ޕްރިޒަރވޭޝަން" ގައި ނައިބު ރައީސް ވާހަކަފުޅުދައްކަވަނީ. / ފޮޓޯ: ރައީސް އޮފީސް
“ހައި-ލެވެލް އިންޓަރނޭޝަނަލް ކޮންފަރަންސް އޮން ގްލޭޝިއަރސް ޕްރިޒަރވޭޝަން" ގައި ނައިބު ރައީސް ވާހަކަފުޅުދައްކަވަނީ. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ނައިބު ރައީސްގެ ވާހަކަފުޅުގައި، ގްލޭޝިއަރތައް ނެތިގެންދާ ހަލުވިމިނާއި އޭގެ ނަތީޖާއަކީ ރާއްޖެއިން އިންތިހާއަށް ކަންބޮޑުވާ ކަމެއްކަމަށް ވިދާޅުވި.

ކަނޑުގެ ލޮނުގަނޑު އުފުލުމާއި ގްލޭޝިއަރ ނެތިދިއުމުގެ މައްސަލައަށް ބައިނަލްއަޤްވާމީ ފެންވަރުގައި އަވަސް ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުޙައްމަދު ލަޠީފް ގޮވާލައްވައިފިއެވެ.

އެމަނިކުފާނު މިފަދައިން ގޮވާލެއްވީ "ހައި-ލެވެލް އިންޓަރނޭޝަނަލް ކޮންފަރަންސް އޮން ގްލޭޝިއަރސް ޕްރިޒަރވޭޝަން" ގެ އިފްތިތާހީ ސެޝަންގައި ދެއްކެވި ވާހަކަފުޅުގައެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ގްލޭޝިއަރތައް ނެތިގެންދާ ހަލުވިމިނާއި އޭގެ ނަތީޖާއަކީ ރާއްޖެއިން އިންތިހާއަށް ކަންބޮޑުވާ ކަމެއްކަމަށް ވިދާޅުވިއެވެ. އަދި ރާއްޖެއިން މިއަހަރު ހުށަހެޅި ތިންވަނަ ނޭޝަނަލީ ޑިޓަރމައިންޑް ކޮންޓްރިބިއުޝަން (އެންޑީސީ) ގައި ވިލުންތެރިކަމާއި ލޯ-ކާބަން ތަރައްޤީއަށް މަގުދައްކާ ކަންތައްތައް ހިމެނިފައިވާކަން ފާހަގަކުރެއްވިއެވެ.

ނައިބު ރައީސް ވިދާޅުވީ، ބައިނަލްއަޤްވާމީ އެހީތެރިކަމާއެކު 2035 ވަނަ އަހަރާ ހަމައަށް ކާބަން ބޭރުކުރާ މިންވަރު 1.52 މިލިއަން ޓަނަށް މަދުކުރުމަށާއި، 2028 ވަނަ އަހަރާ ހަމައަށް ރާއްޖޭގައި އުފައްދާ ހަކަތައިގެ 33 އިންސައްތައަކީ އިއާދަކުރަނިވި ވަސީލަތްތަކުން އުފައްދާ ހަކަތަ ކަމުގައި ހެދުމަށް ސަރުކާރުން އަޒުމު ކަނޑައަޅާފައިވާ ކަމަށެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، ކޮޕް-30 ގެ ކުރިން ހުރިހާ ޤައުމަކުންވެސް އެންޑީސީ ހުށަހެޅުއްވުމަށާއި، މި މަސައްކަތުގައި އަޒުމު ވަރުގަދަކޮށް، ދެފުށްފެންނަ ގޮތަކަށް މަސައްކަތްކުރުމަށް ޤައުމުތަކަށް ގޮވާލައްވާ ކަމަށެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައިގައި އެދެވޭ ހައްލުތަކެއް ހޯދަން އެދޭނަމަ، ބައިނަލްއަޤްވާމީ އަހުދުތަކަކީ ހަމައެކަނި ރަމްޒީ ކަންތައްތަކަކަށް ވުމުގެ ބަދަލުގައި އެއީ ބަދަލުގެނުވަނިވި އިލްތިޒާމުތަކަކަށް ވާންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

ނައިބު ރައީސް އިތުރަށް ވިދާޅުވީ، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް އަމާޒުކޮށްގެން މޫސުމީ ބަދަލުތަކަށް ޚާއްޞަ ފަންނީ ޤާބިލުކަން އިތުރުކުރުމާއި، ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ބައިނަލްއަޤްވާމީ އެހީތެރިކަން މުހިންމުކަމެވެ. އަދި ގަނޑުފެން ގިރުމާއި ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލައިގައި އެއްބާރުލުން އިތުރުކުރުމަށް ގޮވާލައްވައި، ގްލޭޝިއަރ ނެތިދިއުމުގެ ނުރައްކަލާ ކުރިމަތިލުމުގައި ބައިނަލްއަޤްވާމީ މުޖުތަމަޢުއާއެކު ގާތުން މަސައްކަތްކުރުމުގައި ރާއްޖެ ދެމިއޮންނާނެކަމުގެ ޔަޤީންކަން ނައިބު ރައީސް ދެއްވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%