މިއަހަރާއި އަންނަ އަހަރު ޞިއްޙީ ދާއިރާ ބޮޑުތަނުން ރަނގަޅުވެގެންދާނެ: ރައީސް

އަައިޝަތު ޒީނާ | 1 ދުވަސް ކުރިން - 30 މޭ 2025 16:09
އައިޖީއެމްއެޗުގެ މަލްޓި-ސްޕެޝަލިޓީ ސަރޖިކަލް ވިންގް އިފްތިތާޙުކުރުމަށްފަހު ހޮސްޕިޓަލުގެ އިސްވެރިންނާ ރައީސް ވާހަކަފުޅުދައްކަވަނީ. / ފޮޓޯ: ރައީސް އޮފީސް
އައިޖީއެމްއެޗުގެ މަލްޓި-ސްޕެޝަލިޓީ ސަރޖިކަލް ވިންގް އިފްތިތާޙުކުރުމަށްފަހު ހޮސްޕިޓަލުގެ އިސްވެރިންނާ ރައީސް ވާހަކަފުޅުދައްކަވަނީ. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ޞިއްޙީ ދާއިރާއަކީ، ދިވެހި ރައްޔިތުންގެ ދުޅަހެޔޮކަމަށާއި، ޢާންމު ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމުގައި، އެމަނިކުފާނު އެންމެ އިސްކަމެއްދެއްވާ އެއް ދާއިރާކަން ރައީސް ފާހަގަކުރެއްވި.

ދިވެހިރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައިވެސް ޞިއްޙީ ޚިދުމަތް ވަރުގަދަކުރުން އެއީ، ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ ކަމެއް ކަމަށާއި، މާތް ﷲގެ އިރާދަފުޅާއެކު، މިއަހަރާއި އަންނަ އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާ، ބޮޑުތަނުން ރަނގަޅުވެގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، "ރައްޔިތުންނާއެކު" ސިލްސިލާ ޕޮޑްކާސްޓްގެ 7 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ޞިއްޙީ ދާއިރާއަކީ، ދިވެހި ރައްޔިތުންގެ ދުޅަހެޔޮކަމަށާއި، ޢާންމު ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމުގައި، އެމަނިކުފާނު އެންމެ އިސްކަމެއްދެއްވާ އެއް ދާއިރާކަން ފާހަގަކުރައްވައި، ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސް ވިދާޅުވީ، ޞިއްޙީ ޚިދުމަތުގެ ފެންވަރާއި، ޢުމްރާނީ އަދި އިންސާނީ ވަޞީލަތުގެ ގޮތުން މުޅި ރާއްޖޭގެ ޞިއްޙީ ދާއިރާ ތަރައްޤީކުރެއްވުމަށް، މިދިޔަ ދުވަސްކޮޅުގެ ތެރޭގައި، ރާއްޖޭގެ އެކި ރަށްރަށުގައި، ޞިއްޙީ ކަންކަން ރަނގަޅުކުރުމަށް ވަރަށްގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.

ދިވެހިރާއްޖޭގެ ވެރިކަން ކުރާ، މާލޭ ސިޓީ ސަރަޙައްދަކީ މުޅި ރާއްޖޭގެ އާބާދީގެ އެންމެ ބޮޑު އިންސައްތައެއް މިއަދު ވަޒަންވެރިވެގެން ދިރިއުޅޭ ސަރަޙައްދަށް ވެފައިވާ ވާއިރު، ޞިއްޙީ ދާއިރާ ކުރިއެރުވުމުގެ ގޮތުން މާލޭ ސަރަޙައްދުގައި ގިނަ މަސައްކަތްތަކެއް ނިންމައިލެވި، ޚިދުމަތް ދޭން ފެށިފައިވާކަމަށާއި، ކުރިއަށް އޮތް ތަނުގައި އެކަން އަދި އެއަށްވުރެ މާބޮޑަށްވެސް ރަނގަޅުކުރެވިގެންދާނެކަން ރައީސް ފާހަގަކުރެއްވިއެވެ.

ވޭތުވެދިޔަ ހަފްތާއެއްހާ ދުވަހަށްބަލާއިރު، ޞިއްޙީ ދާއިރާގެ ތަރައްޤީއަށްޓަކައި އަދުގެ ސަރުކާރުން ފެއްޓެވި މުހިންމު މަޝްރޫޢުތަކެއްގެ ތެރެއިން ބައެއް މަޝްރޫޢުތަކުގައި ޙަޤީޤީ ކުލަޖެހި، ޢަމަލީ ގޮތުން ރައްޔިތުންނަށް އެކަމުގެ ފައިދާ ކުރަން ފަށާފައިވާކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.

އެގޮތުން، މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ޚިދުމަތްތަކާއި ތެލެސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރ އޮރެންޖް ހިޔާއަށް ބަދަލުކުމުގެ މަސައްކަތް މަޑުޖެހިފައި ވަނިކޮށް، އެއީ ޤައުމީ މައްސަލައެއް ކަމުގައި ދެކެވަޑައިގެން ޤައުމީ ދިފާޢީ ބާރާ އެކަން ޙަވާލުކުރައްވައިގެން މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމައި، ރައީސް ވަނީ، މެއި 25 ވަނަ ދުވަހު، އެތަނުގެ ޚިދުމަތްތައް ރަސްމީކޮށް ފައްޓަވައިދެއްވާފައެވެ.

މި ބަދަލާއެކު ޖާގައިގެ ތަނަވަސްކަން ލިބި، ޚިދުމަތް ފޯރުކޮށްދިނުމަށްވެސް ލުއިފަސޭހަކަން ވަނީ ލިބިފައިއެވެ. އަލަށް ތަރައްޤީކުރެވުނު ސެންޓަރުގައި ޖެނެރަލް ވޯޑްގެ އިތުރުން އަންހެނުންނަށް ޚާއްޞަ ވޯޑަކާއި، ކުޑަކުދިންނަށް ޚާއްޞަ ވޯޑެއް ހިމެނެއެވެ. އަދި ލޭ ރައްކާކުރުމުގެ ކެޕޭސިޓީ 200 ޕައިންޓަށް އިތުރުކުރެވި އަންހެނުންނަށް ޚާއްޞަ ވޯޑަކާއި، ކުޑަކުދިންނަށް ޚާއްޞަ ވޯޑެއް ވަނީ އިތުރުކުރެވިފައެވެ.

މީގެ އިތުރުން އިންސާނީ އަދި ފަންނީ ވަޞީލަތްތައްވެސް ވަނީ އިތުރުކުރެވިފައެވެ. މި ބަދަލުތަކަކީ ތެލެސީމިއާ ބަލީގެ ޕޭޝަންޓުންނާއި، އެ ފަރާތްތަކުގެ ޢާއިލާތަކާވެސް މަޝްވަރާކުރައްވައިގެން ގެންނެވި ބަދަލުތަކެއް ކަން، ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ހަމަ މިއާއެކު، ހުޅުމާލޭ ހޮސްޕިޓަލުގައި ދެމުންދާ އިމަޖެންސީ ޚިދުމަތްތަކުގެ ފެންވަރު، ޒަމާނާ އެންމެ އެކަށީގެންވާ ގޮތަށް ބަދަލުކުރެވި، ޚިދުމަތްތައް، މެއި 26 ވަނަ ދުވަހު ފައްޓަވައިދެއްވީ ރައީސް އެވެ. ޒަމާނީ މެޑިކަލް އާލާތްތަކާއިއެކު ފަރުމާކޮށްފައިވާ މި އިމަޖެންސީ ރޫމުގައި، ކްރިޓިކަލް ބަލިމީހުންނަށް ޚާއްޞަ ފަރުވާ ދިނުމަށް ރިސަސިޓޭޝަން ރޫމެއްވެސް ޤާއިމުކޮށްފައިވެއެވެ. އަދި ފުރާނައަށް ނުރައްކާވާ ހާލަތުގައި އަވަސް ފަރުވާދެވޭ އެންމެ ފުރިހަމަ އާލާތްތަކާއެކު، މި ރޫމް ތައްޔާރުކޮށްފައި ވަނީ ބޮޑެތި އިމަޖެންސީ ހާލަތްތަކަށް ޚާއްޞަ އިސްކަމެއް ދީގެންނެވެ.

މިކަމާ ބެހޭ ގޮތުން ޕޮޑްކާސްޓްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ހުޅުމާލެއަކީ، އެތަނުގެ ތިން ފިޔަވަހި އެއްކޮށް ބަލައިލާއިރު، ތިންލައްކައެއްހާ މީހުންގެ އާބާދީއަށް ޕްލޭންކުރެވޭ ތަނެއްކަމަށާއި، އޭގެތެރެއިން ލައްކައަކަށްވުރެ ގިނަ މީހުން، ނުވަތަ ދޮޅުލައްކައަކާ ގާތްކުރާ ޢަދަދަކަށް، މިހާރުވެސް މީހުން އުޅެން ފަށާފައި، ނޫނީ ދިރިއުޅެން ފެށުމުގެ މަރުޙަލާގައި އޮތް ތަނެއްކަމަށެވެ. އެހެންކަމުން، ހުޅުމާލޭގެ ޞިއްޙީ ޚިދުމަތް ވަރުގަދަކުރުމުގެ ކަންތައް އަދިވެސް އޮތީ ކުރިއަށް ގެންދިއުން ކަމުގައި އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

މެއި 27 ވަނަ ދުވަހަކީ، ރައީސް، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލު (އައި.ޖީ.އެމް.އެޗް) ގައި ޤާއިމުކޮށްފައިވާ މަލްޓި-ސްޕެޝަލިޓީ ސަރޖިކަލް ވިންގް އިފްތިތާޙުކޮށްދެއްވި ދުވަހެވެ. 75 އެނދުގެ މަލްޓި-ސްޕެޝަލިޓީ ސަރޖިކަލް ވިންގުގައި ޖެނެރަލް ސަރޖަރީތަކާއި، ނިއުރޯ ސަރޖަރީތަކާއި ޕްލާސްޓިކް ސަރޖަރީތަކާއި، އޯތޯ ސަރޖަރީތަކާއި ޔޫރޮލޮޖީގެ ސަރޖަރީތައް ކުރާ ބަލިމީހުން އެޑްމިޓްކުރެވޭނެ ތަނަވަސްކަން ވަނީ ކަށަވަރުކޮށްދީފައެވެ.

މިކަންކަމަށް އަލިއަޅުވާލައްވާ ރައީސް ވަނީ، މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުގައި ހިމެނޭ، ދަރުމަވަންތަ، އައި.ޖީ.އެމް.އެޗް، ވިލިމާލެ އަދި ހުޅުމާލެ ހޮސްޕިޓަލް އަދި ތެލަސީމިއާ ސެންޓަރ، ހިމެނޭހެން، މާތް ﷲގެ އިރާދަފުޅާއެކު، ގުޅިލާމެހިފައިވާ ނެޓްވަރކެއްގެ ތެރެއިން ހޮސްޕިޓަލްތައް ހިންގުމުގެ ނިޒާމު ޤާއިމުކުރެވިފައި އޮތްކަން ފާހަގަކުރައްވާފައެވެ. މިއީ ކުރިން އެއްތަން އަނެއްތަނާ ވާދަކުރަމުން ދިޔަ ތަންތަން ނަމަވެސް، މިހާރު މިއީ އެއް މެނޭޖްމަންޓެއްގެ ތެރެއިން، އެހާމެ އިންތިޒާމްތައް ރަނގަޅުކުރެވިގެން ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދެމުންދާ ތަންތަންކަންވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

މާލޭ ސަރަޙައްދުގެ އިތުރުން، ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް އެމަނިކުފާނުގެ ވަޢުދުފުޅުތަކާ އެއްގޮތަށް، ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި އެކިއެކި މަޝްރޫޢުތައް، މިހާރު ހިނގަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ. ހަމަ މިއާއެކު، ބަލިޖެހުމުގެ ކުރިން ބަލިބަލީން ސަލާމަތްވެ ތިބުމީ އަދުގެ ސަރުކާރުން އެންމެ އިސްކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ އެއް މަސައްކަތެވެ. މި މޭރުމުން ކުރެވިފައިވާ އެންމެ މުހިންމު އެއް ކަމަކީ، ދުންފަތުގެ ޖެނެރޭޝަނަލް ބޭން ކަނޑައަޅުއްވައި، ޤާނޫނު ނަންބަރު 2010/15 (ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނު) ތަސްދީޤުކުރެވުމެވެ.

މި ޕޮޑްކާސްޓުގައިވެސް ރައީސް ވަނީ، ދުންފަތުގެ ވިޔަފާރި ދޫކޮށްލުމަށް އެމަނިކުފާނު ގޮވާލައްވާ ގޮވާލެއްވުން ތަކުރާރުކުރައްވާފައެވެ. މި ވިޔަފާރީގެ ތެރެއިން މިހާރު ދައުލަތަށް ނަގާ ޓެކްސް ފައިސާ ޚަރަދުކުރެވޭނީ، ބަލިތަކުން ދުރުވުމަށް ހޭލުންތެރިކުރުވައި، ބަލިޖެހޭ ހިސާބުން، ފަރުވާދިނުމުގެ ނިޒާމު ވަރުގަދަކުރުމަށް ކަމުގެ ޔަޤީންކަންވެސް ރައީސް ވަނީ ދެއްވާފައެވެ.

ދުންފަތުގެ ވަބާއިން މުޖުތަމަޢު ސަލާމަތްކުރުމަށްޓަކައި ރައީސް އަޅުއްވަމުންގެންދަވާ ފިޔަވަޅުތަކަކީ، ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިއު.އެޗް.އޯ)އިންވެސް ބަލައިގެންފައިވާ ފިޔަވަޅުތަކަކަށް ވާއިރު، މިއީ ދިވެހިރާއްޖެއަށް ލިބުނު ރީތި ނަމެއްގެ ގޮތުގައި ރައީސް ދެކެވަޑައިގަންނަވައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%