ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމަށް ސަރުކާރުން ކުރައްވަމުންދާ މަތިވެރި މަސައްކަތުގެ ތެރެއިން ރާއްޖޭގެ އިތުރު 4 އަތޮޅެއްގައި ޑަޔަލަސިސްގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވައިދެއްވައިފިއެވެ.
ރައްޔިތުންގެ ދުޅަހެޔޮކަމަށް އަބަދުވެސް އިސްކަންދެއްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މި ޚިދުމަތް ފައްޓަވައިދެއްވީ ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަކުރުމަށް ބޭއްވި ޚާއްސަ ހަފްލާގައި ނ. ވެލިދޫ ޞިއްޙީ މަރުކަޒު، މ. މުލީ ރީޖަނަލް ހޮސްޕިޓަލް، ތ. އަތޮޅު ހޮސްޕިޓަލް އަދި ގއ. އަތޮޅު ހޮސްޕިޓަލުގައެވެ.
ރާއްޖޭގެ ރަށްރަށުގައި ޑަޔަލަސިސްގެ ޚިދުމަތް ދޭ މަރުކަޒުތައް ޤާއިމުކުރުމުގެ މަސައްކަތް ވަރަށް ހަލުވިކަމާއެކު ކުރިއަށްދާކަން ފާހަގަކުރެވެއެވެ. ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ ރާއްޖޭގެ 5 އަތޮޅެއް ފިޔަވައި އެހެން ހުރިހާ އަތޮޅެއްގައި މިހާރު ޑަޔަލަސިސްގެ ޚިދުމަތް ފެށިފައިވާ ކަމަށެވެ. އަދި މިއަހަރު ނިމުމުގެ ކުރިން ބާކީ އޮތް 5 އަތޮޅުގައިވެސް މި ޚިދުމަތް ފެށޭނެއެވެ.
ސަރުކާރުގެ ވިސްނުންތެރި ސިޔާސަތުގެ ދަށުން، ޑަޔަލަސިސްގެ ޚިދުމަތަށް ބޭނުންވެފައިވާ ގިނަ ބަޔަކު ދިރިއުޅޭ ރަށްރަށުގައިވެސް މި ޚިދުމަތް ފޯރުކޮށްދިނުމަށް ވަނީ ރޭވިފައެވެ. މީގެ އިތުރުން، ރާއްޖޭގެ ޞިއްޙީ ނިޒާމް އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް ފަސޭހަކަމާއެކު ވާސިލްވެވޭނެ ގޮތަށް ޚިދުމަތްތައް ބައްޓަންކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.