ގައުމީ އެއާލައިން، މޯލްޑިވިއަނުން ނ. ވެލިދުއަށް ސީޕްލޭންގެ ދަތުރުތައް ފަށަން ތައްޔާރުވެއްޖެއެވެ. ސީޕްލޭންގެ ފުރަތަމަ ދަތުރު ވެލިދުއަށް ކުރަން ޝެޑިއުލްކޮށްފައިވަނީ އަންނަ ޖެނުއަރީ 23ވަނަ ދުވަހުއެވެ.
މޯލްޑިވިއަން އިން ހާމަކޮށްފައިވާ ގޮތުގައި މިއީ ނ. އަތޮޅުގައި ފަތުރުވެރިކަމުގެ ދާއިރާ ފުޅާކޮށް، އެއަތޮޅަށް ދަތުރުކުރާ ފަރާތްތަކަށް އެއްބާރުލުން ދިނުމަށް ކުރާ ދަތުރުތަކެކެވެ.
އެގޮތުން އެރަށަށް ކޮންމެ ހަފްތާއެއްގެ ބުދަ އަދި ހުކުރު ދުވަހު ސީޕްލޭންގެ ދަތުރުތައް ކުރުމަށް ވަނީ ނިންމާފައެވެ. އަދި ދިވެހިންނަށް ހާއްސަ ފެއާ އެއް ތައާރަފުކުރުމަށްވެސް މޯލްޑިވިއަނުން ވަނީ ނިންމާފައެވެ. އެގޮތުން ދަތުރުގެ އެއްކޮޅު ޓިކެޓެއް 999ރުފިޔާއަށް ލިބޭނެކަމަށް އެކުންފުނިން ބުނެއެވެ.
ނ.ވެލިދޫގައި ސީޕްލޭން ޕްލެޓުފޯމެއް ގާއިމުކޮށް، ދާއިމީކޮށް ސީޕްލޭން އޮޕަރޭޓުކުރެވޭނެގޮތް ހަމަޖައްސެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. އަދި އަންނަ އަހަރު ސީ އެމްބިއުލާންސްގެ ހިދުމަތްވެސް ވެލިދޫގައި ފެށުމަށް ސަރުކާރުން ވަނީ ރާވާފައެވެ.
ވެލިދުއަށް ފެށުމަށް ތައްޔާރުވެފައިވާ މި ދަތުރުތަކާއެކު އެތޮޅުގެ ރަށްރަށަށް ދަތުރުކުރާ ފަތުރުވެރިންނާއި ދިވެހީންނަށްވެސް ލުއިތަކެއް ލިބިގެންދާނެކަމަށް މޯލްޑިވިއަނުން ގަބޫލުކުރެއެވެ. މޯލްޑިވިއަން އިން މިހާރުވެސް އަންނަނީ ބ. ކަމަދޫއަށް ސީޕްލޭންގެ ހިދުމަށް ދެމުންނެވެ.






