އަންނަ މަހު ރާއްޖެ އާއި އޮސްޓްރޭލިއާއާ، ދެމެދު ސީދާ ދަތުރުތައް ފަށުމަށް މޯލްޑިވިއަނުން ތައްޔާރުވެއްޖެ އެވެ.
އެކަމާ ގުޅިގެން މައުލޫމާތުދެއްވަވަމުން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެ އާއި އޮސްޓްރޭލިއާއާ ދެމެދު އެއަރޮނޮޓިކަލް އޮތޯރިޓީތަކުން ދެ ގައުމުގެ ދެމެދުގައި ސީދާ ދަތުރުތައް ފެށުމަށް މިއަދު އެއްބަސްވުމުގައި ސޮއިކުރައްވާފައިވާ ކަމަށެވެ. އަދި މިނިސްޓާ ވިދާޅުވީ މިއަދު ސޮއިކުރީ އެއަރޮނޮޓިކަލް އޮތޯރިޓީތަކުން ދެ ގައުމުގެ ދެމެދުގައި ބޭއްވުމަށް އެއްބަސްވެފައިވާ "ބައިލެޓްރަލް އެއާ ސާވިސަސް އެގްރީމަންޓް" އެމްޔޯޔޫއެއްގައި ކަމަށެވެ.
އެހެންކަމުން މިއަދުން ފެށިގެން، ރާއްޖެ އާއި އޮސްޓްރޭލިއާއާ ދެމެދު އެއާލައިންތަކުން ދަތުރުތައް ބޭއްވުމުގައި އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް މިނިސްޓަރު ވިދާލުވި އެވެ. އަދި އެކަމުގެ ސަބަބުން ދަތުރުފަތުރާއި ޓޫރިޒަމްގެ އިތުރުން ވިޔަފާރިގެ ދާއިރާއިން އާ ފުރުސަތުތަކެއް ރާއްޖެއަށް ހުޅުވޭނެ ކަމަށް މިނިސްޓަރު ފާހަނގަ ކުރެއްވި އެވެ.


އެގޮތުން ރާއްޖޭއިން އޮސްޓްރޭލިއާއަށް ސީދާ ދަތުރުތައް ފެށުމުން ރާއްޖޭގެ ޓޫރިޒަމް ސިނާއަތަށާއި އިގުތިސާދަށް ގިނަ ފައިދާތަކެއް މި ހައްސާސް ދަނޑިވަޅުގައި ލިބޭނެއެވެ.
މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާ މިހާރު މެދުއިރުމަތީ ކުރާ ހަނގުރާމާއި ގޫޅިގެން ރާއްޖޭގެ އިގްތިސާދީ ކަންކަން ބެލެެހެއްޓުމަށް އެކުލަވާލި ކެބިނެޓް ކޮމިޓީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ފާހަނގަ ކުރެއްވި ފަދައިން އިތުރު އާމްދަނީ ހޯދާއި އަގުތައް ހިފެއްޓުމަށް ރާއްޖެއަށް އާ މާކެޓްތައް ތައާރަފްކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ. އެގޮތުން މޯލްޑިވިއަންގެ ސީދާ ދަތުރުތައް އޮސްޓްރޭލިއާ ފެށުމަކީ ސަރުކާރުން އެޅި މުހިންމު ފިޔަވަޅެކެވެ.







