އިއްތިހާދު އެއާވޭސްގެ ލޯޔަލްޓީ ޕްރޮގްރާމް، "އިއްތިހާދު ގެސްޓް" އަދި ދިވެހިރާއްޖޭގެ ގައުމީ އެއާލައިން، "މޯލްޑިވިއަން" ގުޅިގެން މައިލްސް ރިޑީމް ކުރެވޭނެ އާ ޕާޓްނާޝިޕެއް އިފްތިތާހުކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން، އިއްތިހާދު ގެސްޓް މެންބަރުންނަށް އެ ފަރާތްތަކުގެ މައިލްސް ބޭނުންކޮށްގެން މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކާއި ބައިނަލްއަގުވާމީ ދަތުރުތަކަށް ޓިކެޓް ނެގޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖޭގެ އެކި ރަށްރަށަށާއި އަތޮޅުތަކަށް ކުރާ ދަތުރުތައް ހިމެނެއެވެ.
މި އެއްބަސްވުމުގެ ސަބަބުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ދަތުރުފަތުރު ކުރުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. އެގޮތުން، އިއްތިހާދުގެ ފްލައިޓްތަކުގައި މާލެ އަންނަ ފަސިންޖަރުން ވަކިން ޓިކެޓް ނެގުމުގެ ބަދަލުގައި، މައިލްސް ރިޑީމްކޮށްގެން ރާއްޖޭގެ އިތުރު 17 އެއާޕޯޓަކަށް ދަތުރުކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ. މި އައު ފުރުސަތަކީ 2024 ވަނަ އަހަރު ދެ އެއާލައިންގެ ދެމެދުގައި ވެވުނު އިންޓަލައިން އެއްބަސްވުމާއި، މިއަހަރުގެ އަރަބިއަން ޓްރެވަލް މާކެޓުގައި ވެވުނު އެއްބަސްވުމުގެ ދަށުން ފުޅާކުރެވުނު ޚިދުމަތެކެވެ.
އިއްތިހާދު ގެސްޓުގެ މެނޭޖިން ޑިރެކްޓަރު މާކް ޕޮޓާ ވިދާޅުވީ، ރާއްޖެ އަންނަ ގިނަ ފަސިންޖަރުންނަށް މާލެއަކީ ދަތުރުގެ މަންޒިލް ނޫން ކަމަށާއި، އެއީ ދަތުރުގެ ފެށުން ކަމަށެވެ. އަދި މި ޕާޓްނާޝިޕްގެ ސަބަބުން އެ މެންބަރުން ބޭނުންވާ މަންޒިލަކާ ހަމައަށް ވާސިލުވުމަށް މައިލްސް ބޭނުންކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް ވިދާޅުވީ، މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކުގެ ވިއުގައަކީ ރާއްޖޭގެ އެކި ކަންކޮޅުތައް ގުޅުވައިދޭ މައިބަދަ ކަމަށެވެ. އަދި މި ޕާޓްނާޝިޕަކީ ރާއްޖެއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ރަށްރަށަށް ދަތުރުކުރުމުގައި ބޮޑު ފަސޭހައެއް ގެނެސްދޭނެ އަމަލީ ފިޔަވަޅެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ދުނިޔޭގެ އެންމެ މަގުބޫލު އެއް މަންޒިލް ކަމަށްވާ ދިވެހިރާއްޖެއަށް ދަތުރުކުރާ އިއްތިހާދު ގެސްޓް މެންބަރުންނަށް މައިލްސް ބޭނުންކުރެވޭނެ ދާއިރާ ފުޅާވެގެން ދިއުމާއެކު، މޯލްޑިވިއަންގެ އެތެރޭގެ ދަތުރުފަތުރުގެ ވިއުގައަށް ވެސް މިކަމުގެ ސަބަބުން އިތުރު ކުރިއެރުމެއް ލިބިގެންދާނެއެވެ.



