މި ރޯދަމަހުގެ ފަހު 10 ގައި އުމްރާގެ އަޅުކަމަށް އެކި ސަބަބުތަކާ ހެދި ނުފުރި ތިބި 164 އުމްރާވެރިން ފުރުވާލައިފި އެވެ.
ނުފުރިފައި ތިބި އުމްރާވެރިން ރާއްޖެއިން ސައުދީއަށް ފުރުވާލީ ރޭގަ އެވެ. އެގޮތުން އިސްލާމިކް މިނިސްޓްރީން އެ އުމްރާވެރިން ފުރުވާލީ މޯލްޑިވިއަންގެ ފްލައިޓެއް ޗާޓަރުކޮށްގެންނެވެ.
މެދުއިރުމަތީގައި މިހާރު ކުރަމުންދާ ހަނގުރާމައާ ގުޅިގެން އެ ސަރަހައްދުގެ ވައިގެ ދަތުރުފަތުރުގެ ނިޒާމަށް ވަނީ ބޮޑެތި ބުރޫތަކެއް އަރާފަ އެވެ. ރާއްޖެއަށް އެންމެ ގިނަ ފްލައިޓުތައް އޮޕަރޭޓްކުރާ މަންޒިލްތަކުގެ ދަތުރުފަތުރަށް ވެސް މިކަމުގެ އަސަރުކޮށްފައިވާތީ، އުމްރާވެރިންނަށް ވެސް އެކަމުގެ ތަކުލީފައި ވަނީ ކުރިމަތިލާން ޖެހިފަ އެވެ.
އެކަމާއި ބެހޭ ގޮތުން އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް ވިދާޅުވީ އެ ފުރުސަތުގައި ހައްޖު ކޯޕަރޭޝަނަށާއި މޯލްޑިވިއަންނަށް ޝުކުރު ދަންނަވާ ކަމަށާއި އަދި ރައީސް ޑރ މުޙައްމަދު މުޢިއްޒު މިކަން ހައްލު ކުރެއްވުމަށް ދެއްވި އަހައްމިއްޔަތަށްޓަކައި ރައީސަށް އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށެވެ.
އޭގެ އިތުރުން އެކަމާ ބެހޭގޮތުން މިނިސްޓަރު ވިދާޅުފައި ވަނީ އުމްރާވެރިންނަށް ކުރިން ނުފުރި ތިބީ ޓްރާންސިޓްކޮށްގެން ވެސް ފުރޭނެ ގޮތެއް އުމްރާވެރިންނަށް ފަހިވެފައި ނުވާތީ ކަމަށެވެ.









