މޯލްޑިވިއަނުން މާލެއާއި ބަންގުލަދޭޝްއާ ދެމެދު ސީދާ ދަތުރުތައް އަލުން ފަށައިފި އެވެ.
މޯލްޑިވިއަނުން ބަންގުލަދޭޝްއަށް ދަތުރުތައް ކުރާނީ ހަފްތާއަކު ދެ ދުވަހު އެވެ. އެއީ ބުރާސްފަތި ދުވަހާއި އަދިއްތަ ދުވަހުގައެވެ. މޯލްޑިވިއަނުން މި ދަތުރުތަކުގެ ވަގުތު ކަނޑައަޅާފައިވަނީ ޑަކާއަށް ފަތިހު ދެވޭ ގޮތަށެވެ. ބަންގުލަދޭޝްއަށް ސީދާ ދަތުރުކުރަން ފެށުމުން ޑާކާ މެދުވެރިކޮށް ކަނެކްޓިވް ފްލައިޓުތަކުން ދަތުރުކުރާ މީހުންނަށް ވަރަށް ބޮޑު ލުއިތަކެއް ލިބޭނެ ކަމަށް އެއާލައިނުން ވަނީ ބުނެފައި އެވެ.


މި ދަތުރުތަކުގެ ދެކޮޅު ޓިކެޓުގެ އަގު ފެށެނީ 399 އެމެރިކާ ޑޮލަރު އިންނެވެ. ހަމައެހެންމެ ކޮންމެ ފަސިންޖަރަކަށް 30 ކިލޯގެ ޗެކްޑް ބެގޭޖް އެލަވަންސް ލިބޭނެ ކަމަށް މޯލްޑިވިއަނުން މައުލޫމާތު ދީފައިވެ އެވެ.
މީގެ ކުރިން ވެސް މޯލްޑިވިއަނުން ވަނީ ބަންގްލަދޭޝަށް ދަތުރުތައް ބާއްވާފައެވެ. އެގޮތުން 2024 ވަނަ އަހަރުގެ އޮގަސްޓް މަހު އެ ދަތުރުތައް މެދުކަނޑާލީ ބަންގްލަދޭޝްގެ ސިޔާސީ މަޝްރަހު ހަލަބޮލިވުމާއި ސަބަބުންނެވެ. ދަތުރުތައް މެދުކަނޑާލުމުގެ ކުރިން މޯލްޑިވިއަނުން އައީ ކޮންމެ ހަފްތާއަކުވެސް ބަންގްލަދޭޝްގެ ދަތުރުތައް ކުރަމުންނެވެ.
މޯލްޑިވިއަނުން މިހާރު އިންޓަނޭޝަނަލް ދަތުދުރުތައް ކުރަނީ ހަމައެކަނީ އިންޑިއާ އަދި ޗައިނާއަށެވެ. އެ ދެ ގައުމުގެ ފަސް މަންޒިލަކަށް މޯލްޑިވިއަންގެ ދަތުރުތައް މިހާރު ދަނީ ބާއްވަމުންނެވެ. އަދި ޗުއްޓީއާއި ދިމާކޮށް ބައެއް އެހެން މަންޒިލްތަކަށްވެސް ސީޒަނަލް ދަތުރުތައް މޯލްޑިވިއަނުން އަންނަނީ ކުރަމުންނެވެ.







