"މީޑިއާ ފެންޑާ" ރަސްމީކޮށް ރައީސް ހުޅުއްވައިދެއްވައިފި

އަައިޝަތު ޒީނާ | 1 ދުވަސް ކުރިން - 29 މޭ 2025 18:32
ރައީސް، "މީޑިއާ ފެންޑާ" ހުޅުއްވައިދެއްވަނީ. / ފޮޓޯ: ރައީސް އޮފީސް
ރައީސް، "މީޑިއާ ފެންޑާ" ހުޅުއްވައިދެއްވަނީ. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މީޑިއާ ފެންޑާ ބޭނުން ކުރެވޭނީ، އެކަމަށްޓަކައި ރައީސް އޮފީހުންދޭ ޚާއްސަ ފާހަކާއެކުގައި ކަމަށް އެ އޮފީހުން ބުނި. ފާސް ދޫކުރާނީ ރަޖިސްޓަރ ކޮށްގެން ޤަވާޢިދުން ހިންގާ މީޑިއާތަކަށް.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، "މީޑިއާ ފެންޑާ" ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.

މި ރަސްމިއްޔާތު އޮތީ މިއަދު މެންދުރުފަހު މީޑީއާ ފެންޑާގައެވެ.

"މީޑިއާ ފެންޑާ" އަކީ ރައީސް އޮފީހަށް ވަދެނުކުމެވާ ދެކުނުފަރާތު ރަސްމީ ދޮރާށީގެ ކުރިމަތިން އޮންނަ ބިމުގައި، ދިވެހިރާއްޖޭގެ މީޑިއާތަކަށް ބޭނުންކުރެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ތަނެކެވެ.

މި ފެންޑާގެ މައިގަނޑު މަގުސަދަކީ، ދައުލަތުގެ އަދި ސަރުކާރުގެ އެންމެ އިސް އޮފީސް ކަމުގައިވާ ރައީސް އޮފީހުގައި ހިނގާ ކަންކަމާއި، އެ ސަރަހައްދުގައި ހިމެނޭ ސަރުކާރު އޮފީސްތަކުގައި ހިނގާ ކަންކަމުގެ ޚަބަރާއި މަޢުލޫމާތު ރަސްމީ ގަޑީގައި މީޑިއާއިން ހޯދުން ފަސޭހަކޮށްދިނުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މީޑިއާ ފެންޑާ ބަލަހައްޓާނީ، ރައީސް އޮފީހުގެ ބައެއްގެ ގޮތުގައި ރައީސް އޮފީހުންނެވެ. އަދި މީޑިއާ ފެންޑާގެ ސަލާމަތީ ކަންކަމާއި، އިދާރީ ކަންކަން ހިނގަމުންދާނީ ރައީސް އޮފީހުގައި މި ކަންކަން ބެލެހެއްޓުމުގެ ނިޒާމު ކަނޑައަޅައިފައިވާ އުސޫލުން ކަމަށް އެ އޮފީހުން ބުންޏެވެ.

ސަރުކާރުގެ ރަސްމީ މަސައްކަތު ކޮންމެ ދުވަހަކު މީޑިއާ ފެންޑާ ހުޅުވާފައި ހުންނާނެ ނަމަވެސް، ރަސްމީ މަސައްކަތު ދުވަހަކަށް ނުވިނަމަވެސް، މީޑިއާ ފެންޑާ ބޭނުންކުރާ ނޫސްވެރީން ބޭނުންވާ ޙާލަތްތަކުގައި، 24 ގަޑިއިރުވެސް މީޑިއާ ފެންޑާ ހުޅުވާފައި ހުންނާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ މީޑިއާ ފެންޑާ ބޭނުންކުރެވޭނީ، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ނެރޭ ނޫސް މަޖައްލާތަކާއި، ބްރޯޑްކާސްޓްކުރާ ފަރާތްތަކާއި، ވަސީލަތްތަކުގެ ދަފުތަރުގެ ގޮތުގައި މޯލްޑިވްސް މީޑިއާ ކައުންސިލުން ބަލަހައްޓާ މީޑިއާ ދަފުތަރުގައި ރަޖިސްޓަރީވެގެން، ޤަވާޢިދުން ހިނގަމުން އަންނަ ރާއްޖޭގެ މީޑިއާތަކަށް ކަމަށެވެ. އަދި އެ މީޑިއާތަކަށްވެސް މީޑިއާ ފެންޑާ ބޭނުން ކުރެވޭނީ، އެކަމަށްޓަކައި ރައީސް އޮފީހުން ޚާއްޞަ ހުއްދައެއްގެ ގޮތުގައި ދޭ ފާހަކާ އެކުގައި ކަމަށް އެ އޮފީހުން ބުންޏެވެ.

މީގެ އިތުރުން، މީޑިއާ ފެންޑާއަކީ ގްރީން ޒޯނުގެ ސަރަޙައްދުގައި ހުންނަ ޖާގައަކަށް ވާތީ، ގްރީން ޒޯން ބެލެހެއްޓުމުގައި ސަލާމަތީ ބާރުތަކުން އެ ވަގުތަކު ކަނޑައަޅާ ހުރިހާ އުސޫލެއް މީޑިއާ ފެންޑާއަށާއި އެސަރަޙައްދަށް ވެސް ހިނގާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ސަރުކާރުން ދަނީ މީޑިއާތަކަށް މަޢުލޫމާތު ފޯރުކޮށްދިނުން ފަހިކޮށްދިނުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި މީޑިއާތައް ބާރުވެރިކުރުމަށާއި، ނޫސްވެރިންނަށް ތަމްރީނުގެ ފުރުޞަތު ފަހިކޮށްދިނުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%