ވާނުވާ ބަންދުން ދެމީހުން ޓެގް އަޅުވާފައި ދޫކޮށްފި

އައިޝަތު ރުވާ ރިފްޢަތު | 144 ދުވަސް ކުރިން - 29 މޭ 2025 12:09
ދޫނިދޫ ޖަލުގައި ތިބި ގައިދީން / ފޮޓޯ: އަވަސް
ދޫނިދޫ ޖަލުގައި ތިބި ގައިދީން / ފޮޓޯ: އަވަސް
ޚުލާސާ

ޕީޖީ އޮފީހުގެ އަމާޒަކީ، ޝަރީއަތް ނިމެންދެން މީހުން ބަންދުކުރުމާގުޅޭ މައްސަލަތަކަށް ވަށާޖެހޭ އަދި ދާއިމީ ހައްލެއް ގެނައުން.

ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ބަންދަށް އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމުގެ ތެރެއިން ލުއި ދިނުމަށް ފެށި މަސައްކަތުގެ ދަށުން މިހާތަނަށް ދެ މީހުން ގައިގައި ޓެގް އަޅުވާފައި ދޫކޮށްލާފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ހާމަކޮށްފިއެވެ.

ޕީޖީ އޮފީހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ މި ނިޒާމުގެ ދަށުން އިއްޔެގެ ނިޔަލަށް ދެ މީހަކަށް ލުއި ދީފައިވާ ކަމަށެވެ. އަދި އިތުރު ފަސްމީހެއްގެ ބަންދަށް ލުއި ދިނުމާ ގުޅޭ އަޑުއެހުންތައް މިއަދު ކޯޓުތަކުގައި ކުރިއަށްދާނެ ކަމަށްވެސް އެ އޮފީހުން ބުންޏެވެ.

މި ނިޒާމުގެ ދަށުން ބަންދަށް ލުއި ދެވޭނީ އިލެކްޓްރޯނިކް މޮނިޓަރިން ޓެގް އެޅުވުމުން، އެމީހުންގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް އޮތް ނުރައްކާ ކުޑަކުރެވިދާނެ ކަމަށް ފެންނަ ބާވަތްތަކުގެ ކުށްތަކުގެ ތުހުމަތުކުރެވޭ މީހުންނަށް ކަމަށް ޕީޖީ އޮފީހުން ފާހަގަކުރިއެވެ.

"ބަންދަށް ލުއި ދެވިދާނެ މީހުން ކަނޑައަޅަނީ، އެ މީހުން މޮނިޓާ ކުރެވޭ ގޮތަށް މުޖުތަމައު ތެރެއަށް ދޫކޮށްލައިފިނަމަ، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ނުރައްކާ ދެނެގަތުމަށް ދިވެހި ފުލުހުންގެ ހިދުމަތުން ތައްޔާރުކުރާ އެސެސްމަންޓަށް ރިއާޔަތްކޮށް،" ޕީޖީ އޮފީހުން ބުންޏެވެ.

ނަމަވެސް، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކާއި މަރުގެ މައްސަލަތަކާއި ޓެރަރިޒަމްގެ ބޮޑެތި މައްސަލަތަކާއި މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ބޮޑެތި މައްސަލަތަކުގައި ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ބަންދަށް މި ނިޒާމުގެ ތެރެއިން ލުއި ދިނުމަށް އަދި ހަމަޖެހިފައިނުވާ ކަމަށް ޕީޖީ އޮފީހުން ފާހަގަކުރިއެވެ.

މި މަސައްކަތުގެ ސަބަބުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ރިމާންޑު ޖަލުތަކުގެ ޖާގައިގެ ދަތިކަމަށް ކޮންމެވެސް މިންވަރެއްގެ ހައްލެއް ލިބި، ބަންދުގައި ބައިތިއްބަންޖެހޭ މީހުންނަށް ލިބިދޭ ވަސީލަތްތަކަށް ހެޔޮ ބަދަލެއް ގެނެވޭނެކަމަށް ޕީޖީ އޮފީހުން އުންމީދުކުރާ ކަމަށްވެސް ބުންޏެވެ.

ޕީޖީ އޮފީހުގެ އަމާޒަކީ، ޝަރީއަތް ނިމެންދެން މީހުން ބަންދުކުރުމާގުޅޭ މައްސަލަތަކަށް ވަށާޖެހޭ އަދި ދާއިމީ ހައްލެއް ގެނައުން ކަމަށް އެ އޮފީހުން ހާމަކުރިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%