މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ދާ ޙައްޖުވެރިންގެ ތިންވަނަ ގުރޫޕް މިއަދު ހެނދުނު ސަޢުދީ ޢަރަބިއްޔާއަށް ފުރައިފިއެވެ. މި ގުރޫޕްގައި ހިމެނޭ 252 ޙައްޖުވެރިން ފުރާފައިވަނީ ހެނދުނު 6:30 ގައި މޯލްޑިވިއަންގެ ވައިޑްބޮޑީ މަތިންދާ ބޯޓަކުންނެވެ. މި ފްލައިޓް ޖިއްދާ އެއަރޕޯޓަށް ޖައްސާނެ ކަމަށް ލަފާކުރެވެނީ މެންދުރުފަހު 12:55 ގައެވެ.
ޙައްޖުވެރިންނަށް ފަސޭހަކަމާއެކު އެއަރޕޯޓަށް ދެވޭނެ އިންތިޒާމުތައް ސަރުކާރުން ވަނީ ހަމަޖައްސައިދީފައެވެ. އެގޮތުން މާލެއާއި ހުޅުމާލެއިން ބަހުގެ ޚިދުމަތާއި ފެރީގެ ޚިދުމަތް ލިބޭނެ ގޮތް ހަމަޖައްސައިދީފައިވެއެވެ. މިގޮތުން ރޭ ދަންވަރު 1:30 އިން ފެށިގެން ބަސް ދަތުރުތައް ފެށުމާއެކު ޙައްޖުވެރިން ވަނީ އެއަރޕޯޓަށް ޖަމާވާން ފަށާފައެވެ.
ރާއްޖެއިން މިއަހަރު ޙައްޖަށް ދާ މީހުން ފުރަން ފެށީ މިދިޔަ ހޯމަ ދުވަހުއެވެ. ޙައްޖުވެރިން ހަތަރު ގުރޫޕަކަށް ބަހާލައިގެން ސަޢުދީ ޢަރަބިއްޔާއަށް ދަތުރުކުރާއިރު، ސަޢުދީ އެއަރލައިންސްގެ އިތުރުން މޯލްޑިވިއަންގެ ފްލައިޓްތަކުގައިވެސް ދަތުރުކުރެއެވެ. މިހާތަނަށް މޯލްޑިވިއަންގެ ބޯޓުން ދެ ދަތުރު ވަނީ ކޮށްފައެވެ. ޙައްޖުވެރިންގެ އެންމެ ފަހު ގުރޫޕް ފުރުމަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރުފަހު ސަޢުދީ އެއަރލައިންސްގެ ފްލައިޓަކުންނެވެ.
މިއަހަރުގެ ޚާއްޞަ ކަމެއްގެ ގޮތުގައި، ދިވެހި ޙައްޖުވެރިން ފުރަނީ ސަޢުދީ ޢަރަބިއްޔާގެ އިމިގްރޭޝަންގެ ހުރިހާ މަރުޙަލާއެއް ފުރިހަމަކުރުމަށްފަހުގައެވެ. މި ޚިދުމަތް ދިވެހިންނަށް ލިބިފައިވަނީ ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ޚާއްޞަ އިރުޝާދުގެ ދަށުންނެވެ.