މުޅި އިސްލާމީ އުންމަތުގެ ހިތްތަކާ ގުޅިފައިވާ މުޤައްދަސް ބިން، މަސްޖިދުލް ޙަރާމްގެ މުއައްޛިނު ފަޟީލަތުއްޝައިޚް އިބްރާހީމް ބިން ޢާދިލް ޙަމްޒާ އަލްމަދަނީ މިއަދު އަވަހާރަވެއްޖެއެވެ. އުމުރުފުޅުން އެންމެ 51 އަހަރުގައި ޝައިޚް އިބްރާހީމް އަލްމަދަނީ މިއަދު އަވަހާރަވުމާއި ގުޅިގެން ސައުދީ އަރަބިއްޔާގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިންނާއި، ޙަރަމްފުޅުގެ އިދާރާއިންނާއި ދުނިޔޭގެ އެކި ކޮޅުތަކުގައި ތިބި އެތައް މިލިއަން މުސްލިމުން ދަނީ ފުން ހިތާމަ ފާޅުކުރަމުންނެވެ.
އުމުރުން އެންމެ 15 އަހަރުން ފެށިގެން ބަންގިގޮވުމުގެ މާތް ޚިދުމަތުގައި ދެމިހުންނެވި ޝައިޚް އިބްރާހީމް އަލްމަދަނީ، މަސްޖިދުލް ޙަރާމްގެ ރަސްމީ މުއައްޛިނެއްގެ މަގާމަށް އައްޔަންކުރެވުނީ ހިޖުރައިން 1439 ވަނަ އަހަރުގެ ރަމަޟާން މަހުގެ ތެރޭގައެވެ. މަދީނާގެ ރީތި ރާގާއި މައްކާގެ ބަންގީގެ އާދަކާދަ އެއްކޮށްލައިގެން އޭނާ އިއްވައިދެއްވި އަސަރުގަދަ ބަންގީގެ އަޑަކީ ޙަރަމްފުޅަށް ޒިޔާރަތްކުރާ ހައްޖާޖީންނާއި އުމްރާވެރިންގެ ހިތްތަކަށް ބަޔާންކުރަންދަތި ރޫޙާނީ ދިރުމެއް ގެނެސްދިން އަޑެކެވެ. ޚާއްޞަކޮށް ޙަރަމްފުޅުގެ ފަތިސް ނަމާދުގެ ފުރަތަމަ ބަންގި ގޮވުމާއި، ޢީދު ނަމާދުތަކުގެ ތަކްބީރުތަކުގައި އޭނާގެ އަޑު މުޅި އިސްލާމީ އުންމަތަށް މަޝްހޫރުވެފައިވެއެވެ.
މި ހިތާމަވެރި ވަގުތުގައި ސޯޝަލް މީޑިއާގައި މިހާރު ވައިރަލްވަމުންދަނީ، ޝައިޚް އިބްރާހީމް އަލްމަދަނީ އޭނާގެ ޙަޔާތްޕުޅުގައި އެންމެ ފަހުން ޙަރަމްފުޅުގެ މިންބަރުގައި ހުންނަވައިގެން ގޮވައިލެއްވި ރަސްމީ ބަންގީގެ ރެކޯޑިންގްއެވެ.








