ދައުލަތުގެ ބަޖެޓުން ރިކަރަންޓް ޚަރަދަށް މިހާތަނަށް ކުރި ހޭދަ މިދިޔަ އަހަރުގެ އެ މުއްދަތާއި އަޅައިބަލާއިރު 3.8 އިންސައްތައިން ދަށްވެ، އޮފީސް ހިންގުމުގެ ބޭނުމަށް ހޯދާ ތަކެތީގެ ޚަރަދު 70.3 އިންސައްތައިން އަދި ދަތުރުފަތުރުކުރުމަށް ކުރެވޭ ހޭދަ 15.7 އިންސައްތައިން ދަށްކޮށްފިއެވެ.
މާލީ ވުޒާރާއިން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓްގައިވާ ގޮތުން، ފާއިތުވެދިޔަ ހަފްތާގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން ކޮށްފައިވާ ރިކަރަންޓް ޚަރަދުގެ 60.9 އިންސައްތަ ދައުލަތުގެ އޮފީސްތަކުގެ އިދާރީ ހިންގުމާ ގުޅޭ މަސައްކަތްތަކަށް ހޭދަކޮށްފައިވާއިރު، މިއީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި މިފަދަ ޚަރަދަށް ހޭދަކޮށްފައިވާ މިންވަރާ އަޅައިބަލާއިރު 8.7 އިންސައްތަ ދަށް ޢަދަދެކެވެ.
ރިކަރަންޓް ޚަރަދުތަކަށް ބަލާއިރު، އޮފީސް ހިންގުމުގެ ބޭނުމަށް ހޯދާ ތަކެތީގެ ޚަރަދު 70.3 އިންސައްތައިން ދަށްވެފައިވާއިރު، މަރާމާތުކުރުމާއި ބެލެހެއްޓުމުގެ ޚަރަދު ވަނީ 27.1 އިންސައްތައިން ދަށްވެފައެވެ. އަދި، ދައުލަތުގެ ބަޖެޓުން ދަތުރުފަތުރުކުރުމަށް ކުރެވޭ ހޭދަ މިވަނީ، ނިމިގެންދިޔަ އަހަރާ އަޅައިބަލާއިރު 15.7 އިންސައްތައިން ދަށްވެފައެވެ.
މި ޚަރަދުތައް ދަށްކުރެވިފައިވީ ނަމަވެސް، އާސަންދައަށާއި، ޚިދުމަތްދިނުމުގެ ބޭނުމަށް ހޯދާ ތަކެއްޗަށާއި، ލޯނުގެ ޚިދުމަތަށް ޚަރަދުކޮށްފައިވާ މިންވަރު، ނިމިގެންދިޔަ އަހަރާއި އަޅައިބަލާއިރު އިތުރެވެ.
މިއާއެކު، ފާއިތުވި ހަފްތާގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން 13.7 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މިއީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތުން ކޮށްފައިވާ ޚަރަދާ އަޅައިބަލާއިރު 17.9 އިންސައްތަ ދަށް ޢަދަދެކެވެ.
މީގެ އިތުރުން ދައުލަތުގެ ރިކަރަންޓް ޚަރަދު 3.8 އިންސައްތައިން ދަށްވެފައިވާއިރު، ކެޕިޓަލް ޚަރަދު ވަނީ 64.2 އިންސައްތައިން ދަށްވެފައެވެ. އެއާއެކު، ދައުލަތުގެ ބަޖެޓުގެ އޯވަރއޯލް ބެލެންސް 1.1 ބިލިއަން ރުފިޔާގެ ސަރޕްލަސްއަކަށް ވަނީ އަރައިފައެވެ.