ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅާއި އެއްގޮތަށް ހިޔާގެ ހުރިހާ ޓަވަރެއްގައި މިހާރު ހަރުކުރަމުން އަންނަ އިތުރު ލިފްޓުތައް ބެހެއްޓުމުގެ މަސައްކަތުގެ ތެރެއިން ދެވަނަ ޓަވަރުގައި ހަރުކުރި ލިފްޓުތައް ބޭނުންކުރަން ފަށައިފިއެވެ.
މި ލިފްޓުތައް ހަރުކުރުމުގެ މަސައްކަތް ކުރަނީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޝެންޔަންގް ޔުއާންޑް އިންޓެލެކްޗުއަލް ގުރޫޕުންނެވެ.
މިއީ ހިޔާގައި ހަރުކުރި އާ ލިފްޓުގެ ތެރެއިން ބޭނުންކުރަން ފެށި ފުރަތަމަ ޓަވަރެވެ.
އެޗްޑީސީން ބުނީ ދެވަނަ ޓަވަރުގައި ހަރުކުރި އައު ލިފްޓުތައް ބޭނުންކުރަން ފަށާފައިވަނީ މިދިޔަ ހޯމަ ދުވަހު ކަމަށެވެ. އަދި އިތުރު ޓަވަރުތަކުގައި ލިފްޓުތައް ހަރުކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް އެޗްޑީސީން ބުންޏެވެ.
މި ލިފްޓުތަކަށް އެއްފަހަރާ 21 މީހުންނަށް އެރޭއިރު، މިއީ ސްޓްރެޗަރ ވެސް އުފުލޭވަރުގެ ބޮޑެތި ލިފްޓުތަކެއްކަން ފާހަގަކޮށްލެވެއެވެ. އަދި ލިފްޓުތައް ފަރުމާކޮށްފައިވަނީ ލޮލަށް ފެނުމުން މަހުރޫމްވެފައިވާ މީހުންނަށްވެސް ބޭނުންކުރެވޭ ގޮތަށެވެ.
ކޮންމެ ހިޔާ ޓަވަރެއްގައި އިތުރު ދެ ލިފްޓު ބެހެއްޓުމުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އޭޕްރީލް މަހުގެ 18ގައެވެ.