އަޒަރްބައިޖާން ޑިމޮކްރެޓިކް ރިޕަބްލިކް (އޭޑީއާރު) 107 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ރައީސް އިލްހާމް ހައިދަރް އޮގްލޫ އަލިޔެވްއަށާއި ބޮޑުވަޒީރު އަލީ ހިދާޔަތު އޮގްލޫ އަސަދޯވްއަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާވަނީ އަޒަރުބައިޖާންގެ މިނިވަންދުވަހުގެ ތަހުނިޔާ އެޤައުމުގެ ރައްޔިތުނަށްވެސް ފޮނުއްވާފައެވެ. ރައީސް ވިދާޅުވީ މިދުވަހު ހަނދާން އައު ކުރަންވީ އަޒަރްބައިޖާންގެ ރައްޔިތުންގެ ނުގުޑާ ޢަޒުމާއި އެއްބައިވަންތަކަންކަމަށެވެ.
1918 ވަނަ އަހަރުގެ މެއި 28 ވަނަވަނަ ދުވަހަކީ އަޒަރުބައިޖާނު ޑިމޮކްރެޓިކް ރިޕަބްލިކް އުފެދުނު ދުވަހެވެ. މިއީ މުސްލިމް އިރުމަތީގައި އުފެދުނު ފުރަތަމަ ސެކިއުލަރ އަދި ޑިމޮކްރެޓިކް ޖުމްހޫރިއްޔާއެވެ. ނަމަވެސް މި ޖުމްހޫރިއްޔާ ދެމިއޮތީ އެންމެ 23 މަސް ދުވަހުއެވެ. 1920 ވަނަ އަހަރުގެ އޭޕްރީލް މަހު ސޯވިއެޓް ރެޑް އާމީން ގުޅިގެން މި ޖުމްހޫރިއްޔާ ނިމުމަކަށް އައެވެ.
1991 ވަނަ އަހަރު އޮކްޓޯބަރު 18 ވަނަ ދުވަހު އަޒަރުބައިޖާނަށް އަލުން މިނިވަންކަން ލިބުނެވެ. މި ދުވަސް މިހާރު ފާހަގަކުރަނީ "މިނިވަންކަން އަނބުރާ ލިބުނު ދުވަސް" ގެ ގޮތުގައެވެ. 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އަޒަރުބައިޖާނުގެ ޕާލަމެންޓުން މެއި 28 ވަނަ ދުވަހުގެ ނަން ރަސްމީކޮށް "މިނިވަންކަމުގެ ދުވަސް" އަށް ބަދަލުކުރިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖްގައިވަނީ ދެޤައުމުގެ ގުޅުން ހަރުދަނާކުރުމުގައި ރާއްޖެއިން އަބަދުވެސް ދެގޮތެއް ނުވެ ދެމިތިބޭނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.
އަޒަރުބައިޖާން މިނިވަންވެފައިވަނީ 28 މެއި 1918 ވަނަ އަހަރުއެވެ. ރާއްޖެއާއި އަޒަރުބައިޖާންއާއި ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރެވުނީ 15 ޖޫން 2006 ވަނަ އަހަރުގައެވެ.