ރުޅި އަންނަ ކޮންމެ މީހަކަށް ހިތަށާއި ދުލަށް އައިހާ ހުތުރު އެއްޗެއް ގޮވައި މީސްތަކުންގެ ޢަބުރު ކަތިލުމަކީ މުއުމިނުންގެ ސިފައެއް ނޫނެވެ.
ނެތިމޮށުމާއި ޣީބަ ބުނުމަކީ، ﷲ އާއި އެކަލާނގެ ރަސޫލާ محمد صلى اللّه عليه وسلّم ނުހަނު ބޮޑަށް ނަހީ ކުރައްވާފައިވާ ކަމެކެވެ، ޣީބަ ބުނުމުގެ ލަފްޒީ މާނައަށް ބަލާއިރު، އެއީ ނުބައި އަޚްލާޤު ނުވަތަ ދުލުގެ އާފާތްތައް ގޮތުގައި ވެސް މާނަ ކުރެވެއެވެ. ނެތިމޮށުމާއި ފުރައްސާރަ ކުރުމާއި ގުޅިގެން ދެން ނިކުންނަ ނަތީޖާ އަކަށްވަނީ ޢަބުރުކަތިލުމެވެ. ޢަބުރުކަތިލުމަކީ ޖޯކަކަށް މަޖަލަކަށް އަދި ސަމާސާ އަކަށް ވެސް ކުރުން ދީނުގައި ހުއްދަކަމެއް ނޫނެވެ. އެކަމަކީ އެކަންކުރާ މީހަކު ފާފަވެރިވާނެ ކަމެކެވެ.
އެފަދަ ކަންކަމަކީ ﷲ تعالي ނަހީ ކުރައްވާފައިވާ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ނަހީކުރައްވާފައިވާ އެއްވެސްކަމެއް މުސްލިމަކަށް ރީތިކަމަކަށް ވެގެން ނުވާނެއެވެ. އެކަން ވާންޖެހޭނީ މުސްލިމުން ނަފްރަތުކުރާ ދުރުހެލިވުމަށް މަސައްކަތްކުރާ ކަމަށެވެ. އެފަދަ ކަންކަން ރީތިކަމެއްގޮތުގައި ޤަބޫލުކުރުމާއި ޕްރޮމޯޓް ކުރުން ވެސް ވާނީ ޝައިޠާނީ ޢަމަލަކަށެވެ. އިސްލާމީ ޝަރީޢަތުގައި ޢަބުރާއި ބެހުމަކީ ޖިނާޢީކުށެކެވެ. ޤިނަ ޤައުމުތަކުގައި ވަޟަޢީ ޤާނޫނުގެ ދަށުން އަދަބު ދެވޭކަމެކެވެ. ރާއްޖޭގައި ޢަބުރާއި ބެހުމަކީ ޖިނާޢީ ކުށެއް ކަމަށް ނުވިނަމަވެސް އެފަދަ މައްސަލަތައް މަދަނީ މައްސަލައެއްގެ ގޮތުގައިބަލައެވެ. އެކަން ބަލަނީ ޢަބުރާއި ބެހުމުން ލިބުނު ގެއްލުމުގެ ބަދަލު ހޯދައި ދިނުމުގެ މައްސަލައެއް ގޮތުގައެވެ. ދަންނަވަން މިއުޅޭ ވާހަކައަކީ، ރާއްޖެއަށް ވެސްޓަން ޑިމޮކްރަސީ ގެނައީ ޤައުމުގެ ކަންކަން އިޞްލާޙް ކުރުމުގެ ބޭނުމުގައި ނޫންތޯއެވެ. އެހެން ނަމަވެސް އައު ޤާނޫނު އަސާސީއަކާއި އައު ޤާނޫނުލްޢުޤޫބަތަކާއިއެކު ތިންބާރު ވަކިވެފައިވާ ނިޒާމެއް ގެނެސްގެން ރާއްޖެ އަށް ލިބުނީ ފައިދާތޯ ގެއްލުންތޯ ބަލާއިރު، ބޮޑީ ގެއްލުމެވެ.
ދޭދޭ މީހުންގެ މެދުގަ އާއި ޢާއިލާތަކުގެ މެދުގައި އޮންނަންޖެހޭ ގުޅުންތަކެއް ނެތެވެ. އެއްބައިވަންތަކަމެއް އިޚްތިރާމް ކުރުމެއް ނެތް މުޖުތަމައެއްގައި ކިތަމެ އުސް އިމާރާތްތަކެއް ހުރި ނަމަވެސް މީސްތަކުންގެ ފުރާނަ އާއި މުދަލާއި އަބުރުގެ ޚުރުމަތެއް ނެތް ނަމަ އެއީ ވީރާނާ ވަމުންދާ ޤައުމެކެވެ.
ވެރިކަން ކުރައްވާފައިވާ ކުރީގެ ރައީސުންނަށް ޢަބުރަށް އެރުމުގެ ގޮތުން ހުތުރު ނަންނަމުން ގޮވޭއިރު، ދޭދޭ މީހުންގެ މެދުގައި ހިތްހަމަ ނުޖެހުމެއް އުފެދޭ ޚާޙާތުގައި ނުވަތަ ދެބަސްވުމެއް އުފެދޭ ހާލަތެއްގައި އެ ދެމީހެއްގެ ދެމެދުގައި މުޚާޠަބުކުރާނެ ގޮތް ޚިޔާލަށް ގެންނަން ޖެހެއެވެ، މި ދައްކަނީ ކުޑަ ކަމެއްގެ ވާހަކައެއް ނޫނެވެ. އެހެންކަމަށް ވީއިރު މިފަދަކަންކަން ކުރާ މީހުން ޤާނޫނުގެ ތެރެއިން ޒިންމާދާރު ނުކުރަންވީ ކީއްވެތޯ ސުވާލު އުފެދެއެވެ. އޭގެ މާނައަކީ މިޤައުމަކީ ޑިމޮކްރަސީގެ ނަމުގައި ނުބައި އާދަތައް ބަލައިގެންފައިވާ ޤައުމެކޭ ބުނަންވީ ހެއްޔެވެ. ؟
ﷲتعالى ޝަރީޢަތް ބާއްވައިލެއްވުމުގެ މައިގަނޑު މަޤުޞަދަކީ، މީސްތަކުންގެ ފުރާނަ އާއި މުދަލާއި ޢަބުރު ރައްކާތެރިކުރުމަށް ކަމަށް ވާއިރު، ތަންމިނަށް މީސްތަކުންގެ ޢަބުރު ކަތިލުމަށް އެއްވެސް ލިމިޓެއް ނެތި ފުރުޞަތު ދެވިފައި އޮތުމަކީ ﷲ ގެ ވަޙީ އާއި ރަސޫލާ محمد صلى اللّه عليه وسلّم ގެ މަތިވެރި ރިސާލަތާއި އެއްގޮތަށް ނަމޫނާ ދައްކާ ޤައުމަކަށް ވާނެތޯ ކޮންމެ މީހަކު ވެސް އަމިއްލަ ނަފްސާއި ސުވާލު ކޮށްލުން ރަނގަޅުވާނެކަމަށް ފެނެއެވެ.
ކަންހުރިގޮތަކީ މިއީކަމުން ގާތް މީހެއްގެ ފަރާތުން އިވޭ ވާހަކައަކަށް ވީނަމަ ވެސް ތިމާއަށް އެކަމެއްގެ މައްޗަށް ރަނގަޅަށް ޢިލްމު ލިބިފައި ނުވާ ނުވަތަ މަޢުލޫމާތު ލިބިފައި ނުވާ ކަންކަމަށް ހިތަށް އައިހާ ގޮތަކަށް ވާހަކަ ނުދެއްކުމަށް އަޒުމު ކަނޑައަޅަންޖެހެއެވެ.
ތިމާ ދައްކާ ވާހަކައަކަށް ނުވަތަ ކަމަކަށް ޖަވާބު ދާރީ ވެވޭވަރަށް ތިމާގެ އަތުގައި ހެއްކެއް ނުވަތަ ޤަރީނާއެއް ނެތްކަމަކާއި ގުޅޭގޮތުން މީހަކު ބުނާ ބުނުމެއް ގެ މައްޗަށް ނުވަތަ އިވޭ އިވުމެއްގެ މައްޗަށް ނަމަވެސް ހިތަށް އެރިހައި އެއްޗެއް ގޮވައި ލިޔެ ހެދުމަކީ ނުބައި އަޚްލާޤުގެ ތެރޭގައި ހިމެނޭ ދުލުގެ އާފާތެއް ކަމުގައި ޤަބޫލުކުރަންޖެހެއެވެ.
މިސާލަކަށް ދަންނަވާނަމަ އިސްލާމީ ދައުލަތެއް ހިންގުމާއި ހަވާލުވެ ތިބޭބަޔަކު ސަރުކާރު ހިންގުމުގެ ސިޔާސަތަކީ ސެކިއުލަ ސިޔާސަތެއް ކަމުގައި ވެފައި ﷲ ގެ ދީނާއި ރަސޫލާގެ ރިސާލާއި ދެކޮޅަށް ނަހީކުރެއްވިހައިކަމެއް ޕްރޮމޯޓް ކޮށް ދިރުވައި އާލާކުރުން ކަމުގައިވާނަމަ، އަދި ޤައުމުގެ އެއިރެއްގެ ރައީސް ކީރިތި ރަސޫލާ محمد صلى اللّه عليه وسلّم އަށާއި ރަސޫލާގެ ސުންނަތަށް ހަޖޫޖަހައި އެފަދަ ކަންކަން ސަމާސާ އަކަށް ނުވަތަ ކުޅިވަރެއް ކަމުގައި ހަދާނަމަ، އެސަރުކާރަކާއި ދެކޮޅަށް ރައްޔިތުން ގެންނަ އިންޤިލާބަކަށް ބަޣާވާތެކޭ ނުބުނެވޭނެއެވެ. އެމް.ޑީ.ޕީ.ގެ ފުރަތަމަ ވެރިކަމަކީ ރައްޔިތުން ގެނައި އިންޤިލާބަކަށް ވާއިރު، އެއިންޤިލާބާއި ގުޅިގެން އޭރުގެ ރައީސް އިސްތިޢުފާ ދީފައިވާތީ، އެކަމުގައި ބައިވެރިވި އެއްވެސް ދިވެހިރައްޔިތަކާއި ދިމާއަށް ހަޖޫ ޖެހުމުގެ ގޮތުން އެއްޗެހި ނުކިޔޭނެއެވެ. ބާޣީއެކޭ ބުނުން ވެސް ވާނީ އަބުރާއި ބެހުން ކަމުގައެވެ.
(އާޓިކަލް ލިޔުނީ: އަލްއުސްތާޛް ޢަލީ އާދަމް)