ފަލަސްޠީނުގެ ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް އުފައްދާފައިވާ ޣައްޒާ ހިޔުމެނިޓޭރިއަން ފައުންޑޭޝަން (ޖީއެޗްއެފް)ގެ އިސްވެރިޔާ ޖާރެޑް ވުޑް، ކުއްލި ގޮތަކަށް މަޤާމުން އިސްތިޢުފާ ދީފިއެވެ.
ފާއިތުވި ދެމަސްދުވަހު ޖީއެޗްއެފްގެ އެކްޒެކެޓިވް ޑިރެކްޓަރުގެ މަޤާމުގައި ހުރި ވުޑް އިސްތިޢުފާ ދީފައިވަނީ ޔަހޫދީން ޣައްޒާއަށް މެދުކެނޑުމެއްނެތި ދެމުންދާ ޢުދުވާނީ ޙަމަލާތަކުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ގިނަ ޢަދަދެއްގެ މީހުން ޝަހީދު ކޮށްލާފައިވަނިކޮށެވެ.
އިސްތިޢުފާ ދެމުން ވުޑް ބުނެފައިވަނީ ޙަމަލާތައް ދެމުންދާހާ ހިނދަކު ޖީއެޗްއެފަށް އިންސާނީ އުސޫލުތަކާ އެއްގޮތަށް މަސައްކަތް ކުރެވިދުރެވިދާނެ ކަމަށް ޤަބޫލު ނުކުރާ ކަމަށެވެ. އޭނާ އިތުރަށް ބުނެފައިވަނީ އިންސާނިއްޔަތުކަމާއި ވަކި ފަރާތަކަށް ނުޖެހުމާއި މިނިވަންކަމާއެކު ޖީއެޗްއެފަށް މަސައްކަތް ނުކުރެވޭތީ އިސްތިޢުފާ ދިން ކަމަށެވެ.
ޖީއެޗްއެފުން ވުޑް ވަކިވުމުން އެ ފައުންޑޭޝަނާމެދު އުފެދިފައިވާ ނުތަނަވަސުތަނަވަސްކަން އިތުރަށް ހާމަވެގެންދެއެވެ. އދއާއި އެހީގެ ސާމާނު ބެހުމުގައި ޙަރަކާތްތެރިވާ އެހެން ޖަމްޢިއްޔާތަކުން ވެސް ވަނީ ޣައްޒާގައި އެހީގެ ސާމާނު ބެހުމުގެ މަސައްކަތް ޖީއެޗްއެފް މެދުވެރިކޮށް ކުރުމަށް ދެކޮޅު ހަދައިފައެވެ.
ޖީއެޗްއެފްގެ މަސައްކަތް އަންނަ ހޯމަ ދުވަހު ފަށާނެ ކަމަށް އެ ފައުންޑޭޝަނުން ވަނީ އިޢުލާނު ކޮށްފައެވެ. ނަމަވެސް ޣައްޒާގައި ވެރިކަންކުރާ ޙަމާސުން ވަނީ އެ ނިޒާމުގެ ދަށުން އެހީގެ ސާމާނު ބެހުން ކުށްވެރި ކޮށްފައެވެ.
ޔަހޫދީންގެ ޢުދުވާނީ ޙަމަލާތަކުގައި މެދުކެނޑުމެއްނެތި ދަނީ މީހުން ޝަހީދުކުރަމުންނެވެ. 2023ވަނަ އަހަރު ޢުދުވާން ފެށި ފަހުން ޔަހޫދީން ޝަހީދު ކޮށްލާފައިވާ މީހުންގެ ޖުމްލަ ޢަދަދު 53،000އަށް މިހާރު ވަނީ އުފުލިފައެވެ.









