ދިވެހި ޙައްޖާޖީން ޒަމާނުއްސުރެ މައްކާއިން މަދީނާއަށް ކުރަމުން ދިޔަ ދިގު 10 ގަޑިއިރުގެ ބަސްދަތުރަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިމުން ގެނެސްދެއްވައިފިއެވެ.
މިއަހަރުގެ ޙައްޖު މޫސުމުގައި ދިވެހި ޙައްޖުވެރިން މައްކާއިން މަދީނާއަށް ދަތުރުކުރާނީ ހައިސްޕީޑް ރޭލުގައެވެ.
ދިވެހި ޙައްޖުވެރިން މައްކާގައި: މައްކާއިން މަދީނާއަށް ދަތުރުކުރަން މީގެ ފަހުން ހޭދަވާނީ އެންމެ 2ގަޑިއިރު. މިއީ ރައީސް ޑރ. މުޢިއްޒު ދިވެހީންނަށް ގެނެސްދެއްވި ބަދަލެއް.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވީ، މީގެ ކުރިން މައްކާއާއި މަދީނާ އާއި ދެމެދު ކުރާ ދަތުރަކީ 8 ގަޑިއިރާއި 10 ގަޑިއިރާއި ދެމެދު ހޭދަވާ ދަތުރެއް ކަމަށާއި، ނަމަވެސް ރައީސް މުޢިއްޒުގެ ނިންމެވުމާއެކު ކުރިން ބަހުގައި ކުރަމުން އައި ދިގު ދަތުރު ހައިސްޕީޑް ރޭލަށް ބަދަލުކުރުމުގެ ސަބަބުން މި ދަތުރުގެ ވަގުތު 2 ގަޑިއިރަށް ކުރުވެގެންދާނެ ކަމަށެވެ. އަދި މިއީ ޙައްޖުވެރިންގެ ތަކުލީފުތަކަށް ލިބޭ ބޮޑު ލުޔެއް ކަމަށްވެސް އެމްޑީ ޝަކީލް ފާހަގަކުރެއްވިއެވެ.
މި ނިންމުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރެއްވި ނިންމުމެކެވެ. މައްކާ ރޫޓް އިނިޝިއޭޓިވް އިފްތިތާޙްކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް މުޢިއްޒު ވަނީ މިއަހަރުން ފެށިގެން ދިވެހި ޙައްޖުވެރިން ހައިސްޕީޑް ރޭލުގައި ދަތުރުކުރާގޮތަށް ނިންމަވާފައިވާކަން ހާމަކުރައްވާފައެވެ.
ޝަކީލް ވިދާޅުވީ، ރައީސްގެ އިޢުލާނާ ގުޅިގެން ހައިސްޕީޑް ރޭލުގައި ދަތުރުކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި ޙައްޖުވެރިންގެ ނަންތައް ސިސްޓަމަށް އަޅައި، ޓިކެޓް ގަތުމުގެ މަސައްކަތްވެސް ނިންމާފައިވާ ކަމަށް ޝަކީލް ވިދާޅުވިއެވެ.
މީގެ އިތުރުން، މިއަހަރުގެ ޙައްޖުގައި ޙައްޖުވެރިންނަށް އިތުރު ލުއިފަސޭހަތަކެއް ގެނެސްދީފައިވެއެވެ. އެގޮތުން މިނާގެ ފޭލިގެތަކުގައި ދިވެހި ޙައްޖުވެރިން މިއަހަރު ތިބޭނީ "ބީ" ކެޓަގަރީގައެވެ. އަދި ރަޖިސްޓްރީކޮށްގެން ހިންގާ ކްލިނިކެއް ޙައްޖުވެރިން ތިބޭ ހޮޓެލްގައި ޤާއިމްކޮށްފައިވާ ކަމަށްވެސް ޙައްޖު ކޯޕަރޭޝަނުން ހާމަކޮށްފައިވެއެވެ.






