ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔުއެޗްއޯ) ގައި ފަލަސްޠީނުގެ ދިދަ ނެގުމުގެ ޙައްޤު އެ ޤައުމު ތަމްޞީލް ކުރާ ވަފުދަށް ލިބިއްޖެއެވެ. މި ނިންމުން ނިންމީ މިއަދު ސްވިޒަލެންޑުގެ ޖެނީވާގައި ކުރިއަށްދިޔަ ޑަބްލިޔުއެޗްއޯގެ އަހަރީ ޖަލްސާގައި ނެގި ވޯޓަކުންނެވެ.
ފަލަސްޠީނުގެ ދިދަ ނެގުމުގެ ހައްޤު ދިނުމަށް ހުށަހެޅީ ޗައިނާއާއި ޕާކިސްތާނާއި ސަޢުދީ ޢަރަބިއްޔާ ހިމެނޭ ގޮތަށް އެކި ޤައުމުތަކުންނެވެ. މި ހުށަހެޅުން ފާސްވީ 95 ޤައުމުގެ ވޯޓާ އެކުގައެވެ. އެ ހުށަހެޅުމާ ދެކޮޅަށް ވޯޓު ދީފައި ވަނީ އިސްރާއީލު، ހަންގޭރީ، ޗެކް ރިޕަބްލިކް އަދި ޖަރުމަނުވިލާތުންނެވެ. 27 ޤައުމަކުން ވޯޓުގައި ބައިވެރިވެފައެއް ނުވެއެވެ.
ޑަބްލިޔުއެޗްއޯގައި ފަލަސްޠީނަށް ލިބިފައި ވަނީ އޮބްޒާވަރެއްގެ ޙައިޞިއްޔަތެވެ. މި ނިންމުމާއި ގުޅިގެން، ފަލަސްޠީނަށް ޑަބްލިޔުއެޗްއޯގެ ބައްދަލުވުންތަކުގައި އެ ޤައުމުގެ ދިދަ ނެގުމުގެ ޙައްޤު ލިބިގެންދާނެއެވެ.
އދ. އަށް ކަނޑައަޅާފައި ހުންނަވާ ފަލަސްޠީނުގެ މަންދޫބު، އިބްރާހިމް ޚުރައިޝީ ވިދާޅުވީ މިއީ ރަމްޒީ ކާމިޔާބީއެއް ނަމަވެސް، ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ބައިވެރިއެއްގެ ގޮތުގައި ފަލަސްޠީނު އޮތް ކަމުގެ ނިޝާނެއް ކަމަށެވެ.
މި ނިންމުމަކީ ފަލަސްޠީނުގެ މިނިވަންކަމަށް ކުރިއެރުމެއް ކަމަށް ބެލެވޭއިރު، އިސްރާއީލުން މި ނިންމުމާއި ދެކޮޅު ހަދައި، ވޯޓެއް ނެގުމަށް ގޮވާލާފައިވެއެވެ. އެމެރިކާ ފަދަ ބައެއް ބޮޑެތި ބާރުތަކުން ވޯޓުގައި ބައިވެރިވެފައެއް ނުވެއެވެ.
މި ނިންމުމަކީ ފަލަސްޠީނުގެ ރައްޔިތުންނަށް އުންމީދުގެ ހުޅުކޮޅެއް ރޯކޮށްދިން ކަމެއްގެ ގޮތުގައި ލުބުނާނުގެ މަންދޫބު ރަނާ އަލް ޚައުރީ ފާހަގަކުރެއްވިއެވެ. އަދި ފަލަސްޠީނުގެ ރައްޔިތުން ތަޙައްމަލް ކުރަމުންދާ ވޭން ތަކަކީ އިންސާނަކަށް ކެތް ކުރެވޭ ވަރުގެ ވޭންތަކެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިއީ 1967 ވަނަ އަހަރުގެ މެދުއިރުމަތީގެ ހަނގުރާމައިގައި ޔަހޫދީން އިސްތިޢުމާރު ކޮށްފައިވާ ބިންތައް ފަލަސްޠީނުގެ ބައެއްގެ ގޮތުގައި ބައިނަލްއަޤްވާމީ ދުނިޔެއިން ބަލައިގަތުމަށް އެ ޤައުމުން ކުރަމުންދާ މަސައްކަތަށް ލިބުނު ކުރިއެރުމެކެވެ.
މިދިޔަ އަހަރުގެ ތެރޭގައި އދގައި ފަލަސްޠީނަށް ލިބިފައިވާ ޙައިޞިއްޔަތު މަތި ކުރުމަށް ކުރި މަސައްކަތް ކާމިޔާބުވެފައި ވަނިކޮށް، އަދި ފަރަންސޭސިވިލާތުން ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމުގެ ނިޝާންތަކެއް ފެންނަމުންދާ ދަނޑިވަޅެއްގައި މި ކާމިޔާބީ ލިބުމަކީ ފަލަސްޠީނަށް އިތުރު ހިތްވަރެއް ލިބިގެންދިޔަ ކަމެކެވެ.
މިހާރު ގާތްގަނޑަކަށް 150 ޤައުމުން ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަނެއެވެ. ނަމަވެސް، އެމެރިކާ، އިނގިރޭސިވިލާތް، ޖަރުމަނުވިލާތް އަދި ޖަޕާނާއި ހުޅަނގުގެ ބޮޑެތި ގިނަ ބާރުތަކުން އަދިވެސް ފަލަސްޠީނަކީ ޤައުމަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައެއް ނުގަނެއެވެ. އެހެންނަމަވެސް، ޑަބްލިޔުއެޗްއޯގެ މި ޖަލްސާގައި ނެގި ވޯޓުގައި ފަރަންސޭސިވިލާތާއި ޖަޕާނުން ވަނީ ފަލަސްޠީނާއި އެއްކޮޅަށް ވޯޓު ދީފައެވެ.
މީގެ އިތުރުން، މިދިޔަ ހަފްތާގެ ތެރޭގައި ފަލަސްޠީނަށް ވަނީ ޑަބްލިޔުއެޗްއޯގެ ބައިނަލްއަޤްވާމީ ޞިއްޙަތާބެހޭ ޤަވާއިދުތަކުގެ ދަށުން މަޢުލޫމާތު ލިބުމުގެ ހައްޤު ހޯދައިފައެވެ. މިއީވެސް އެ ޤައުމަށް ލިބުނު އިތުރު ކުރިއެރުމެކެވެ.