ދިވެހިރާއްޖެއާއި އިންޑިއާގެ ހައިލެވެލް ކޯ ގްރޫޕްގެ ދެވަނަ ބައްދަލުވުން މިއަދު އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ބާއްވައިފިއެވެ. މި ބައްދަލުވުމުގައި ދިވެހި ވަފުދުގެ އިސްވެރިޔާގެ ގޮތުގައި ބައިވެރިވެ ވަޑައިގަތީ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލެވެ.
މި ބައްދަލުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި ދެޤައުމު ދެމެދު އެކުލަވާލެވުނު "އަ ވިޝަން ފޮރ ކޮމްޕްރިހެންސިވް އިކޮނޮމިކް އެންޑް މެރިޓައިމް ސެކިއުރިޓީ ޕާރޓްނަރޝިޕް" ގެ ތަޞައްވުރުގެ ދަށުން ކުރިއަށް ގެންދެވޭ މަޝްވަރާ ބައްދަލުވުންތަކުގެ ތެރެއިން ބޭއްވުނު ދެވަނަ ބައްދަލުވުމެވެ. މި ސިލްސިލާގެ ފުރަތަމަ ބައްދަލުވުން ބޭއްވިފައިވަނީ މިއަހަރުގެ ޖަނަވަރީ 29 ވަނަ ދުވަހުއެވެ.
ޚާރިޖީ ވުޒާރާއިން މަޢުލޫމާތު ދިންގޮތުގައި، މިއަދުގެ ބައްދަލުވުމުގައި ކުރީގެ ބައްދަލުވުމުގައި ކަނޑައެޅުނު ލަނޑުދަނޑިތައް ވަޒަންކުރެވި، ދަތުރުފަތުރުގެ ނިޒާމު، ދަނޑުވެރިކަން، މަސްވެރިކަން، އިޤްތިޞާދީ، ޞިއްޙީ، ދިފާޢީ އަދި މެރިޓައިމް ދާއިރާތައް ހިމެނޭގޮތަށް އިތުރު މުހިންމު ކަންކަން ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.
މި ބައްދަލުވުމުގައި ދިވެހި ސަރުކާރުގެ އެކި ވުޒާރާތަކުން އެކުލެވޭ އިސް ވަފުދެއް ބައިވެރިވިއެވެ. މީގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، ޚާރިޖީ ވުޒާރާ، ދިފާޢީ ވުޒާރާ، އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާވެށްޓާ ބެހޭ ވުޒާރާ، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާ، މާލީކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވުޒާރާ، އަދި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާ ހިމެނެއެވެ.









