މިއަދަކީ ދިވެހި ޙައްޖުވެރިންނަށް ތާރީޚީ އުފާވެރި ދުވަހެއްކަމަށް ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، މައްކާ ރޫޓު އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާޙް ކުރެއްވުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، މައްކާ ރޫޓު އިނީޝިއޭޓިވްގައި ރާއްޖެ ހިމެނެއްވެވީތީ ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްއަށާއި ޕްރިންސް މުޙައްމަދު ބިން ސަލްމާނަށް ޝުކުރު އަދާކުރައްވާކަމަށާއި މިކަމުގެ ސަބަބުން ދިވެހި ޙައްޖުވެރިންގެ ބޮޑު ފަސޭހައެއް ލިބިގެންދާނެކަމަށެވެ.
ރައީސް ވިދާޅުވީ، މިކަމުން އެނގިގެން ދަނީ ދިވެހިރާއްޖެއާއި ސަޢުދީ ޢަރަބިއްޔާއާއި ދެމެދު އޮތް ދުވަސްވީ ގާތް ގުޅުން ކަމަށާއި މިއީ ދިވެހިންނަށް ލިބުނު ވަރަށް ބޮޑު އުފަލެއްކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ދިވެހި ޙައްޖުވެރިންނަށް ހަމަަޖައްސައިދެއްވާފައިވާ އިންތިޒާމު ތަކަކީ ވަރަށް ފުރިހަމަ އިންތިޒާމްތަކެއް ކަމަށާއި މި އިންތިޒާމްތައް ހަމަޖެއްސުމަށް މަސައްކަތް ކުރައްވާ ސަޢުދީ ޢަރަބިއްޔާ ޙައްޖު މިނިސްޓްރީ އަށާއި، މައްކާ ރޫޓު އިނީޝިއޭޓިވްގެ އިސް ބޭފުޅުންނަށާއި ސަޢުދީ ޢަރަބިއްޔާ އިންޓީރިއާ މިނިސްޓްރީއަށް އަދި ދިވެހިރާއްޖޭގައި ހުންނަ ސަޢުދީ އެމްބަސީގެ އިސްވެރިންނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ދިވެހި ޙައްޖުވެރިންނަށް ޚިދުމަތް ދިނުމަށާއި ޙައްޖުވެރިންގެ ޚިދުމަތުގައި މިހާރުވެސް ދިވެހި ޙައްޖު މިޝަނުން ސަޢުދީގައި ޙަރަކާތްތެރިވެލައްވަމުން ގެންދަވާ ކަމަށާއި ދިވެހި ޙައްޖުވެރިންނަށް ދެމުންދާ ޚިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން ސަޢުދީ ޢަރަބިއްޔާގެ ކަމާއިބެހޭ އިދާރާތަކާއި ގުޅިގެން ފުރަތަމަ ފަހަރަށް ދިވެހި ޙައްޖުވެރިންނަށް ޚާއްްސަ ކްލިނިކެއްވެސް މިހާރު ޤާއިމުކުރެެވިފައިވާ ކަމަށެވެ.
މީގެ އިތުރުން، ޙައްޖުވެރިންނަށް ދެމުންދާ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރެއްވުމަށް ސައުދީ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެކަމަކީ މުޅި އިސްލާމީ އުއްމަތަށް ސަޢުދީ ޢަރަބިއްޔާއިން ދެއްވަމުން ގެންދަވާ ފުރިހަމަ ޚިދުމަތެއް ކަމަށެވެ.
މައްކާ ރޫޓު އިނީޝިއޭޓިވް މިއަދު އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުންނެވެ.









