ހުޅުމާލެ ސެންޓްރަލް ޕާކުގައި މިހާރު ކުރިއަށްދާ އުފެއްދުންތެރިކަމުގެ މައުރަޒުގައި ދިވެހިންގެ ބޮޑު ސަމާލުކަމެއް ލިބުނު އިސްލާމީ މަރުކަޒުގެ މޮޑެލް، ރައީސް އޮފީހަށް ބައްލަވައިގަތް އިރު، އެ މައުރަޒުގެ 13 އުފެއްދުމެއް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައްލަވައިގެންފިއެވެ.
ރައީސް އޮފީހުން މަޢުލޫމާތު ދެއްވިގޮތުގައި، ރައީސް އަމިއްލަފުޅަށް ބައްލަވައިގަތީ 13 އުފެއްދުމެވެ. އަދި ރައީސް އޮފީހުން ބައްލަވައިގަތީ 10 އުފެއްދުމެވެ. އޭގެ ތެރޭގައި އިސްލާމީ މަރުކަޒުގެ މޮޑެލް ހިމެނެއެވެ.
އިސްލާމީ މަރުކަޒުގެ މި ތަފްސީލީ މޮޑެލްއަކީ ތ. ވޭމަންޑޫއަށް އުފަން ޢަލީ މާހިރު ތައްޔާރުކުރި މޮޑެލްއެކެވެ. މުޅި މައުރަޒުން އެންމެ މަތިން މާކްސް ލިބިގެން ރަން ވަނަ ލިބުނު މީހުންގެ ތެރެއިން ފަސްވަނައިގައި މި މޮޑެލް ހިމެނެއެވެ. ޖުމްލަ 383 ހުށަހެޅުމެއް ފެނިގެންދާ މި މައުރަޒުގައި މާހިރުގެ މި މޮޑެލް ވެގެން ގޮސްފައިވަނީ އެތައް ބައެއްގެ ތަޢުރީފު ލިބިގެންގޮސްފައިވާ، އެތައް ބައެއްގެ ލޮލުގައި އަޅައިގަތް މޮޑެލް އަކަށެވެ.
މާހިރު މި މަސައްކަތް ފެށީ މިދިޔަ ނޮވެމްބަރު މަހުގައެވެ. ގާތްގަނޑަކަށް ހަމަސް ތެރޭގައި އެ މޮޑެލް ފުރިހަމަ ކުރިއިރު، މިއީ އުފެއްދުންތެރިކަމުގެ މައުރަޒުން ފެންނާނެ އެންމެ ބުރަ އެއް މަސައްކަތެވެ. މި އަސްލު މޮޑެލް ހަދައިފައި ވަނީ ގާތްގަނޑަކަށް 200 ވަރަކަށް ވަކިވަކި ބައި ހިމަނައިގެންނެވެ. މި މަރުކަޒުގެ ތަފްސީލީ މޮޑެލްގެ ދިގުމިނުގައި ދެ ފޫޓު ބައި ހުންނައިރު، ފުޅާމިނުގައި ދޮޅު ފޫޓު ވަރު ހުންނާނެއެވެ.
ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި ބޭއްވި އުފެއްދުންތެރިކަމުގެ މައުރަޒުގައި ވެސް ރައީސް މައުމޫނު ވެސް ވަނީ ބައެއް ތަކެތި ބައްލަވައިގެންފައެވެ. އޭގެ ބައެއް ތަކެތި މުލިއާގެ އާއި ހިލާލީގެ ފަދަ ދައުލަތުގެ ރަސްމީ ގެކޮޅުތަކުގައި ބޭނުން ކުރަމުން ގޮސްފައިވެއެވެ. މިއީ ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ކުރާ ކަމެކެވެ.









