ހުޅުމާލެ ފައިނޭންޝަލް ކެޕިޓަލަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަޒުމު ކަނޑައަޅުއްވައިފިއެވެ. އެޗްޑީސީގެ އައު މާސްޓަރ ޕްލޭނާއި ވެބްސައިޓް ތަޢާރަފުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެޗްޑީސީގެ މާސްޓަރ ޕްލޭނުން މިކަމަށް މަގުފަހިވެގެންދާނެ ކަމަށެވެ.
ރައީސް ވިދާޅުވީ، މާލޭގައި ވެރިކަމުގެ އިދާރީ މަރުކަޒު ގާއިމުވެފައިވާ ފަދައިން، ހުޅުމާލެ ފައިނޭންޝަލް މަރުކަޒަކަށް ހެދުމަކީ އެމަނިކުފާނުގެ އެންމެ ބޮޑު އެއް އަމާޒު ކަމަށެވެ. މިގޮތުން އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރ މަޝްރޫޢަކީ މިކަން ހަގީގަތަކަށް ހެދުމުގައި މުހިންމު ދައުރެއް އަދާކުރާނެ ކަމެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
"މާލޭގައި ވެރިކަމުގެ އެޑްމިނިސްޓްރޭޓިވް ސީޓް ގާއިމްވެފައިވާގޮތަށް އެއަށް ކޮމްޕްލިމަންޓް ކުރަން ފައިނޭންޝަލް ސީޓަކީ ހުޅުމާލެ ކަމުގައި ހެދުމަކީ އަޅުގަނޑު އެންމެ ބޭނުންވާ، ގުޅިލާމެހިފައިވާ ދެމެހެއްޓެނިވި ތަރައްގީއަކީ،" ރައީސް ވިދާޅުވިއެވެ.
އެޗްޑީސީގެ މާސްޓަރ ޕްލޭނަކީ ދުރު މުސްތަޤުބަލަށް އަމާޒުކޮށް އެކުލަވާލެވިފައިވާ ތަރައްޤީގެ ޕްލޭނެއްކަމަށް ރައީސް މުޢިއްޒު ފާހަގަކުރެއްވިއެވެ. މި ޕްލޭނުގެ ސަބަބުން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފަހި އަދި ހިތްހަމަޖެހޭ މާޙައުލެއް ޤާއިމުވެގެންދާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ. މީގެ އިތުރުން، ހުޅުމާލެ ތަރައްޤީ ކުރުމަށް އެމަނިކުފާނު ވެވަޑައިގެންފައިވާ އެންމެހައި ވަޢުދުތައް، އެޗްޑީސީއާއި ސަރުކާރުގެ މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، އެއްބާރުލުން އިތުރުކޮށްގެން ފުއްދަވާނެ ކަމުގެ ޔަޤީންކަން ވެސް ރައީސް މުޢިއްޒު ދެއްވިއެވެ.









