ހުޅުމާލޭގެ އިންގިލާބީ ބަދަލުތަކާއެކު އެކުލަވާލާފައިވާ އައު މާސްޓަރ ޕްލޭން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިފްތިތާޙް ކޮށްދެއްވައިފިއެވެ. މި ޕްލޭނުގައި ހުޅުމާލޭގެ އިތުރުވަމުންދާ އާބާދީއަށް ބޭނުންވާ ގިނަ ކަންތައްތަކަކަށް މަގުފަހިކޮށްދީފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ.
ހުޅުމާލޭ ފޭސް 2 ގައި މިކަމަށްޓަކައިނމިއަދު އޮތް ޚާއްސަ ރަސްމިއްޔާތުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރާއި، އިމާރާތްކުރުމާ ގެދޮރުވެރިކަމާ ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބްގެ އިތުރުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
އެޗްޑީސީގެ މިހާރުގެ މެނޭޖްމަންޓުން އަލުން ރިވައިޒްކޮށްފައިވާ މި މާސްޓަރ ޕްލޭނުގައި ހުޅުމާލޭގެ އިތުރުވަމުންދާ އާބާދީއަށް ބޭނުންވާ ގިނަ ކަންތައްތަކަކަށް މަގުފަހިކޮށްދީފައިވާކަމަށް އެޗްޑީސީން ބުނެއެވެ. އެގޮތުން ފާއިތުވި އަހަރުތަކުގެ ތެރޭގައި ހުޅުމާލޭގެ ފަޅުތެރެއިން އިތުރު ބިންތައް ހިއްކާފައިވުމާއި، ބިމުގެ ޖާގަ އިތުރުވުމާގުޅިގެން އެ ބިންތައް ބޭނުންކުރާނެގޮތްތަކާމެދު ފަންނީ ގިނަ މަޝްވަރާތަކަކާއި ލަފާތަކެއް ހޯދާފައިވާކަމަށްވެސް އެޗްޑީސީން ފާހަގަކޮށްފައިވެއެވެ.
މި އައު މާސްޓަރ ޕްލޭނުގައި ޒަމާނަށް އަންނަމުންދާ ބަދަލުތަކާ އެއްވަރަށް ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާނެ ޚިދުމަތްތަކާއި އިތުރު ވަސީލަތްތައް ޤާއިމުކުރުމަށް ވަނީ ހިމަނާފައެވެ. އަދި ވިޔަފާރިއާއި އިޤްތިޞާދީ ހަރަކާތްތައް އިތުރުކޮށް، އައު ކަންކަން ގެނައުމަށްވެސް އަމާޒުކޮށްފައިވާކަމަށް އެޗްޑީސީން ބުނެއެވެ.
މި ރަސްމިއްޔާތުގައި ހުޅުމާލޭގެ މާސްޓަރ ޕްލޭންގެ 3ޑީ މޮޑެލެއްވެސް ދައްކާލާފައިވެއެވެ. އަދި އެޗްޑީސީގެ އައު ވެބްސައިޓުވެސް އިފްތިތާޙްކޮށްފައިވެއެވެ. އައު ވެބްސައިޓު އިފްތިތާޙްކޮށްދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރެވެ.
އައު މާސްޓަރ ޕްލޭނުގައި ހުޅުމާލޭގެ ބިން އެކި ބޭނުންތަކަށް ޚާއްސަކޮށް، ޒަމާނާއި ތަރައްޤީއާއެކު ގެންނަންޖެހޭ ބަދަލުތައް ހިމަނާފައިވެއެވެ. އެގޮތުން ބަނދަރު ސަރަޙައްދު 36 ހެކްޓަރުން 53 ހެކްޓަރަށް ބޮޑުކުރުމަށް ކަނޑައަޅާފައިވެއެވެ. އަދި ސްކޫލްތަކާއި މިސްކިތްތަކާއި އޮފީސް ޖާގައާއި، އެނޫންވެސް ޒަރޫރީ ޚިދުމަތްތަކާއި ވަސީލަތްތަކަށް ޚާއްސަ ބިންތައް އެކި ނެއިބަރހޫޑުގައި ކަނޑައަޅާފައިވެއެވެ.
މި ޕްލޭނުގައި ބިންތައް އެލޮކޭޓްކޮށްފައިވާ ގޮތްތަކަށް ބަލާއިރު، ރެޒިޑެންޝަލް ބޭނުންތަކަށް 29.84 އިންސައްތަ، ގްރީން ސްޕޭސް، ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް 30.62 އިންސައްތަ، އަދި ސްކޫލްތަކާއި މިސްކިތްތަކާއި އިދާރާތަކަށް 10.41 އިންސައްތަ ހިމެނެއެވެ. މީގެ އިތުރުން ކޮމާޝަލް ބޭނުންތަކަށާއި އިންޑަސްޓްރިއަލް މަސައްކަތްތަކަށްވެސް ބިން ކަނޑައަޅާފައިވެއެވެ.
ހުޅުމާލޭ ފޭސް 2 އަދި ފޭސް 3 ޖުމްލަ 11 ކަނެކްޝަނަކުން ގުޅާލައި، ފަސޭހައިން ދަތުރުފަތުރުކުރެވޭނެ ނިޒާމްތައް ޤާއިމުކުރުމަށްވެސް މި ޕްލޭނުގައި ހިމަނާފައިވެއެވެ. އަދި އާއިލާތަކަށް ތަފާތު ތަޖުރިބާތަކެއް ލިއްބައިދޭނެ ވަސީލަތްތައް ޤާއިމުކުރުމާއި، ފައިނޭންޝަލް، ޓޫރިޒަމް، ކަލްޗަރަލް އަދި ރެކްރިއޭޝަނާއި އިވެންޓް ސްޕޭސްތައް ހިމެނޭހެން އެކި ކަންކަމަށް އަމާޒުކުރެވިފައިވާ އައު ކަންތައްތަކެއް ގެނައުމަށްވެސް ކަނޑައަޅާފައިވެއެވެ.
މީގެ އިތުރުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ތަރައްޤީކުރާ ބައިނަލްއަޤްވާމީ މާލީ އިދާރާއަށް ބޭނުންވާ އިންފްރާސްޓްރަކްޗަރއާއި އެހެނިހެން ވަސީލަތްތައް ޤާއިމުކުރުންވެސް މި ޕްލޭންގައި ހިމަނާފައިވެއެވެ.









