ޣައްޒާގެ ނާސިރު ހޮސްޕިޓަލުގައި މަސައްކަތްކުރާ ފަލަސްތީނުގެ އަންހެން ޑޮކްޓަރެއް ކަމަށްވާ ޑޮކްޓަރު ޢަލާ އައްނައްޖާރުގެ ނުވަ ދަރިން އިސްރާއީލުން ޝަހީދުކޮށްލައިފިއެވެ.
މި ނުރައްކާތެރި ހަމަލާ ދީފައިވަނީ ޣައްޒާގެ ޚާން ޔޫނުސްގައި ހުންނަ ޑޮކްޓަރު އައްނައްޖާރުގެ ގެއަށް ފައިޓާ ޖެޓްތަކުން ބޮން އަޅައިގެންނެވެ. މި ހަމަލާގައި ޑޮކްޓަރު އައްނައްޖާރުގެ ގެ ވަނީ އެއްކޮށް ފުނޑުފުނޑުކޮށް ބިމާ ހަމަކޮށްލާފައެވެ. އަދި ޑރ. ނައްޖާރުގެ ފިރިމީހާ ވެސް ވަނީ ވަރަށް ބޮޑަށް ޒަޚަމްވެފައެވެ.
މި ހަމަލާއިން ސަލާމަތްވީ ޑޮކްޓަރު އައްނައްޖާރުގެ 11 އަހަރުގެ ފިރިހެން ދަރިފުޅު އެކަންޏެވެ. އޭނާއަށް ވެސް ބޮޑެތި ޒަޚަމްތަކެއް ވަނީ ލިބިފައެވެ. ޝަހީދުވި ކުދިންގެ އުމުރު އުޅެނީ 12 އަހަރާއި ހަތް މަހާ ދެމެދުގައެވެ. މީގެ ތެރޭގައި އެއްމާބަނޑު ކުދިން ވެސް ހިމެނެއެވެ.
މި ހަމަލާ ދިން އިރު ޑޮކްޓަރު އައްނައްޖާރު އުޅުއްވީ ޣައްޒާގެ ނާސިރު ހޮސްޕިޓަލުގެ ޑިއުޓީގައެވެ. އޭނާއަކީ ކުޑަކުދިންގެ ބަލިތަކާބެހޭ ޑޮކްޓަރެކެވެ.
ޣައްޒާގެ ސިއްހަތާބެހޭ އިދާރާއިން ބުނެފައިވާ ގޮތުގައި އިސްރާއީލުން ވަނީ 500 އަށް ވުރެ ގިނަ އާއިލާ އެއްކޮށް ނައްތާލާފައެވެ. އަދި މިހާތަނަށް 80,000 އަށް ވުރެ ގިނަ ކުޑަކުދިން ވަނީ ޔަތީމްވެފައެވެ.
އދ. އިން ވަނީ ޑރ. ނައްޖާރުގެ ގެއަށް ހަމަލާދީ ހިންގި މި ޢަމަލު ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ. ފަލަސްތީނަށް އދ. އިން ކަނޑައަޅާފައިވާ ޚާއްސަ ރެޕަޓުއާ ފްރޮންޗިސްކާ އަލްބަނީޒް ވަނީ މިއީ އިސްރާއީލުން ގަސްދުގައި ހިންގި "ހިތްފަޅައިގެންދާ ބިރުވެރި ގަތުލުއާންމެއް" ކަމަށް ސިފަކުރައްވާފައެވެ.









