ގައުމީ ހިދުމަތުގެ ޕްރޮގްރާމްގައި ބައިވެރިވާން މިހާތަނަށް 600 އަށް ވުރެ ގިނަ މީހުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ގޭންގު ކުށްތަކާއި ބެހޭ ގާނޫނު ތަންފީޒުކުރުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ރައީސް ވިދާޅުވީ ގައުމީ ހިދުމަތުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ މަހުގެ ފުރަތސމަ ދުވަހާއި ހަމައަށް ހުޅުވާލާފައިވާއިރު، މިހާތަނަށް 658 މީހަކު އެކަމަށް ކުރިމަތިލާފައިވާ ކަމަށެވެ. އޭގެތެރޭގައި 18 އަހަރުން ދަށުގެ 316 ކުއްޖަކު ވެސް ބެލެނިވެރިޔާގެ ހުއްދައާ އެކު މި ޕްރޮގްރާމްގައި ބައިވެރިވާން ހުށަހަޅާފައިވެ އެވެ.
މި ޕްރޮގްރާމަށް މިހާ ބޮޑު ޝައުގުވެރިކަމެއް ލިބުމުން ދޭހަވަނީ މި ކަހަލަ ކަންކަމަށް ރައްޔިތުންގެ އޮތް ތާއިދާއި އިތުބާރު ކަމަަށާއި އަދި 18 އަހަރުން ދަށުގެ ކުދިން ވެސް ޕްރޮގްރާމްގައި ބައިވެރިކޮށްފައި ވާތީ، ކުދިންނަށް ހެޔޮ ގޮތްތައް ވުމަށް ބެލެނިވެރިން ވެސް އެދޭ މިންވަރު ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މި ޕްރޮގްރާމްގެ ސަބަބުން އަހުލާގު ރަނގަޅު އަދި މަސައްކަތްތެރި ކުދިންތަކެއް މުޖުތަމައަށް ނެރެވޭނެ ކަމަށެވެ. އަދި މި ޕްރޮގްރާމް ފުރިހަމަކުރާ މީހުންނަށް ސިފައިންގެއިން ނުވަތަ ފުލުހުންގެ ހިދުމަތަށް ވަޒީފާއަށް ވަނުމުގެ ފުރުސަތު ދޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
މި ޕްރޮގްރާމްގެ ސަބަބުން މަގުމަތީގައި ކުށްކުރުމުގައި އުޅޭ ކުދިން ވަރަށް ބޮޑަށް މަދުކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.