އިސްރާއީލް ޒައެނިސްޓުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި ފާއިތުވި 7 ދުވަހުގެ ތެރޭގައި މަދުވެގެން 514 މީހުން ޝަހީދުކޮށްލައި، 1000 އަށްވުރެ ގިނަ މީހުން ޒަޚަމް ކޮށްފައިވާ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ.
މިމަހުގެ 19 ވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކު އެވްރެޖްކޮށް 80 އަށްވުރެ ގިނަ މީހުން ޝަހީދުކުރަމުންދާ ކަމަށް ރިޕޯޓުތަކުން ދައްކައެވެ. މި ހަމަލާ ތަކުގައި ބޮޑަށް އަމާޒުކޮށްފައި ވަނީ ޙާލުގައި ޖެހިގެން ހިޔާވަހިކަން ހޯދަމުންދާ ސެންޓަރުތަކަށެވެ. ޒައެނިސްޓުންގެ އަމާޒަކީ ޣައްޒާ ދޫކޮށް އެތަނުގެ ރައްޔިތުން އެހެން ތަނަކަށް ދިޔުމެވެ. މަޤްޞަދަކީ އެ ބިމަށް ވެރިވެގަތުމެވެ.
ޣައްޒާގައި އެހީ ފޯރުކޮށްދޭ ޖަމާޢަތުގެ ބަޔަކު: އިސްރާއީލުން އެމީހުންނަށް ވެސް ހަމަލާދީ އެތައް ބަޔަކު ޝަހީދުކޮށްލައިފި.
މިހާރު ދެމުންދާ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ އިންސާނީ ހާލަތު އޮތީ ވަރަށް ނުރައްކާ ފައްތަރެއްގައި ކަމަށް އދ. އިން ވަނީ ބުނެފައެވެ. 70،000 އަށްވުރެ ގިނަ ކުޑަކުދިންނަށް ކެއުމުގެ ދަތިކަން ކުރިމަތިވެފައިވާ ކަމަށާއި، މަދުވެގެން 58 މީހުން ބަނޑުހައިހޫނުކަމުގެ ސަބަބުން މަރުވެފައިވާ ކަމަށް އދ. އިން ބުނެފައިވެއެވެ. މީގެ ތެރޭގައި 4 އަހަރުގެ ކުއްޖެއްވެސް ހިމެނެއެވެ.
ބައިނަލްއަޤްވާމީ ފަރާތްތަކުގެ ޕްރެޝަރާއި ގުޅިގެން، އިޒްރޭލުން ވަނީ އިންސާނީ އެހީ ގާޒާއަށް ވައްދަން ހުއްދަ ދީފައެވެ. ނަމަވެސް އެއީ ވަރަށް މަދު މިންވަރެކެވެ. އދ އިން ސިފަކުރަނީ އެއީ ސައިސަމްސަލެއްހާ ކުޑަ މިންވަރެއް ކަމަށެވެ.
މި މަހުގެ 19 އިން ފެށިގެން ގާތްގަނޑަކަށް 305 އެހީގެ ޓްރަކު ޣައްޒާއަށް ވެއްދުމަށް ފޮނުވާފައިވާއިރު އޭގައި ހުރީ ފުށާއި ކުޑަކުދިންގެ ކާނާ އަދި ބޭހެވެ. އެހީ ދޭ ފަރާތްތަކުން ބުނާ ގޮތުގައި މި އެހީ އަކީ ޣައްޒާއަށް ބޭނުންވާ މިންވަރާއި އަޅާބަލާއިރު އެއްވެސް އެއްޗެއް ނޫނެވެ. އެ ފަރާތްތަކުން ބުނާ ގޮތުގައި ދުވާލަކު މަދުވެގެން 500 އާއި 600 އަށް ޓްރަކުގެ އެހީ މިހާރުން މިހާރަށް ވެސް ޣައްޒާއަށް ބޭނުންވެއެވެ.